އަމިއްލަ ގެދޮރު އިމާރާތްކުރުމުގެ ލޯނު ދޫކުރަން ހުޅުވާލި ހިޔާވަހި ފައިނޭންސް ސްކީމުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގެދޮރު އިމާރަތްކުރަން ކުޑަ އިންޓްރެސްޓް ރޭޓުގައި ދޫކުރާ ފައިނޭންސް ސްކީމުން 839 މީހަކަށް ލޯނު ދީފައިވާ ކަމަށެވެ.

އެ ފަރާތްތަކަށް 1,084,573,557ރ. ވަނީ ދޫކޮށްފަ އެވެ.

ހުށަހެޅި ފޯމުތަކުގެ ތަފްސީލް

  • ފަހިމާލެ އެޕްލިކޭޝަން: 341
  • ސަހަރު އެޕްލިކޭޝަން: 585 
  • ރަށްވެހި އެޕްލިކޭޝަން: 1329

ސަހަރަކީ އާބަން ސެންޓަރުތަކުގައި ގެދޮރު ބިނާކުރުމާއި މަރާމާތުކުރަން ހާއްސަކޮށްފައިވާ ކެޓަގަރީ އެވެ. ފަހިމާލެ ހާއްސަކޮށްފައިވަނީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށެވެ. ދެން ހުރި ރަށްރަށުގައި އަޅަން ހާއްސަކޮށްފައިވަނީ ރަށްވެހި އެޕްލިކޭޝަނެވެ. 

އެ ލޯނު ދެނީ އިސްލާމިކް ފައިނޭސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓް ރޭޓުގަ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭއިރު ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށެވެ.

ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބެ އެވެ. އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި ލޯނު ދޫކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީންނެވެ.

އެ ސްކީމްގެ ދަށުން، އަހަރަކު ޖުމްލަ ދެ ބިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ އަދި ބާކީ އެއް ބިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވަނީ ބޭންކުތައް މެދުވެރިކޮށެވެ.