އަލަށް ގެދޮރު ގަތުމަށް އެހީދޭ (ހެލްޕް-ޓު-ބައި) ސްކީމާއި ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ "ނެޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމު" ގެ ދަށުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނާއި އަލަށް ގެދޮރު އިމާރާތްކުރަން ބޭނުންވާ މީހުންނަށް އެހީދޭ ޕްރޮގްރާމުގެ އުސޫލު މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
ދެ ސްކީމާ ގުޅޭ އުސޫލު އާންމުކޮށް، އެ އުސޫލުތަކުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހު ހެނދުނު 11:00 އިން ފެށިގެންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނީ އެ އުސޫލުތަކުގެ ދަށުން ޝަރުތު ހަމަވާ އަލަށް ގެދޮރު ގަންނަ އަދި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް، އެހީ ހޯދުމުގެ ފުރުސަތުދޭ ކެޓަގަރީތަކާ ގުޅޭ ތަފުސީލު އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
އުސޫލުގައިވާ ގޮތުން އެ ދެ އުސޫލުގެ މަގްސަދަކީ ވެސް އަލަށް ގެދޮރު ގަންނަ ފަރާތްތަކާއި ގެދޮރު އިމާރާތްކުރާ ފަރާތްތަކުން އުފުލަންޖެހޭ މާލީ އިލްތިޒާމްތަކާއި ދަރަނި އަދާކުރުމުގެ ބުރަ ލުއިކޮށްދިނުން ކަމަށެވެ.
- ގެދޮރު ގަތުމަށް އެހީ ވެދޭނީ ދެ ކެޓަގަރީއަކުން.
ހެލްޕް ޓު ބައިގެ ފުރަތަމަ ކެޓަގަރީ
- ކެޓަގަރީ 1: ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަތުމަށް ދޭ އެހީ (ހެލްޕް ޓު ބައި އެފޯޑަބަލް). މިއީ ސަރުކާރުންދޭ ލުއިތަކާ އެކު ޕްރައިވެޓް ޑިވެލޮޕަރުން އިމާރާތްކުރާ ހެޔޮ އަގުގެ ހައުސިން ޔުނިޓްތައް ގަތުމަށް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީތެރިވުމަށް ދޭ އެހީއެއް. މި ކެޓަގަރީ ކުރިއަށް ދާނީ މާލޭ ސަރަހައްދު ފިޔަވައި، އެހެން ރަށްތަކުގައި.
- ކެޓަގަރީ 1 ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދޭ 250،000ރ. ޑިވެލޮޕަރަށް ދޫކުރުމަށް ފައިނޭންސިން ފެސިލިޓީ ހަމަޖެހިފައިވާ މާލީ އިދާރާއެއްގެ އެސްކްރޯ އެކައުންޓަށް ދޫކުރާނެ.
- ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން އިމާރާތްކޮށްފައިވާ ތަނަކަށް ހައުސިން ޔުނިޓެއް ގަތުމުގެ މުއާމަލާތުގައި ޖީއެސްޓީ ހައުސިން ޔުނިތަށް ދައްކަން ނުޖެހޭ ގޮތަށް ކަނޑައަޅާފައިވާ ހާލަތުގައި ޖީއެސްޓީ ދައްކަންނުޖެހޭނެ.
- އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭ ބައި 600 އަކަފޫޓަށް ވުރެ ބޮޑުނުވުން.
ހެލްޕް ޓު ބައިގެ ދެވަނަ ކެޓަގަރީ
- ކެޓަގަރީ 2: ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ދޭ އެހީ (ހެލްޕު ޓު ބައި މާކެޓް ރޭޓް ޔުނިޓްސް). މިއީ ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަލަށް ގެދޮރު ގަންނަ ފަރާތްތަކުން އެ ފަރާތަށް ހައުސިން ޔުނިޓެއް އެލޮޓްކުރެވުނު ކަމުގެ ލިޔުމެއް ލިބުން ނުވަތަ ހައުސިން ޔުނިޓެއް އެލޮޓްކުރެވުނުކަމުގެ ލިޔުމެއް ހޯދުމުގެ ކުރިން ވެސް މިނިސްޓްރީގެ ޕޮޓަލަށް އެޕްލިކޭޝަން ހުށަހެޅޭނެ.
- އެ ކެޓަގަރީ ކުރިއަށް ދާނީ މުޅި ދިވެހިރާއްޖެއަށް.
- އެ ކެޓަގަރީގެ ދަށުން ހިލޭ އެހީގެ ގޮތުގައި 250،000ރ. އުސޫލުގައިވާ އިޖުރާއަތުތަކާ އެއްގޮތަށް ގަންނަ ފަރާތާއި ޑިވެލޮޕަރާ ދެމެދު ގަތުމަށް އެއްބަސްވުމުގައި ސޮއިކުރުމާ އެކު ޑިވެލޮޕަރަށް ދޫކުރުމަށް ފައިނޭންސިން ފެސިލިޓީ ހަމަޖެހިފައިވާ މާލީ އިދާރާގެ އެސްކްރޯ އެކައުންޓަށް ދޫކުރެވޭނެ.
- އުމުރުން 18 އަހަރު ވެފައިވާ އަލަށް ގެދޮރު ގަންނަ ފަރާތަކަށް ވުން.
- ބޭންކުން ނުވަތަ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސިން ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށް ވުން. ޝަރުތު ފުރިހަމަކުރުމަށް ގެދޮރު ގަތުމުގެ އެހީއަށް އެދޭ ފަރާތަށް އެ ފަރާތުގެ އިތުރުން އެހެން ފަރާތެއްގެ ފައިނޭންސިން ފެސިލިޓީ ހިމެނިދާނެ.
- ވިޔަފާރި އުސުލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީ (ހެލްތު ޓު ބައި މާކެޓް ރޭޓް ޔުނިޓްސް) އަށް އެދޭ ފަރާތުގެ ކިބައިގައި އެ ކެޓަގަރީގެ ދަށުން އެ ފަރާތަކުން ގަތުމަށް އެހީތެރިވެދޭ މާކެޓް ރޭޓް ޔުނިޓު އިސްތިސްނާކޮށް އުސޫލުގައިވާ މުދަލުގެ މިލްކުރުވެރިކަމުގެ ޝަރުތުތައް ފުރިހަމަވާންޖެހޭ.
- ގްރޭޓާ މާލޭ ސަރަހައްދުން ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީއަށް އެދޭ ފަރާތެއް ނަމަ، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުން.
- ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެމީހަކަށް ޖެހޭ ބައި 600 އަކަފޫޓަށް ވުރެ ބޮޑުނުވުން.
- އެޕްލިކެންޓަކީ އެއްމެދު އިމާރާތަކުން ހައުސިން ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން. ނުވަތަ އެފަދަ ތަނެއް މިލްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެފައިވާ ފަރާތެއްކަމުގައި ނުވުން. ނުވަތަ އެފަދަ ތަނެއް ގަންނަން އެއްބަސްވެ، އެއްވެސް މިންވަރަކަށް ފައިސާ ދައްކާފައިވާ ނުވަތަ ފައިސާ ދައްކަމުން އަންނަ މީހަކަށް ނުވުން.
- އެޕްލިކަންޓަކީ މީގެ ކުރިން ދައުލަތުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ޕްރޮގްރާމެއްގެ ދަށުން ނުވަތަ ސްކީމެއްގެ ދަށުން ހައުސިން ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައިނުވުން.
- އެޕްލިކަންޓަކީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ދައުލަތަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ހެޔޮ އަގުގައި ދޫކޮށްފައިވާ ގެދޮރު އިމާރާތްކުރާ ލޯނެއް ނުވަތަ ފައިނޭންޝަލް ފެސިލިޓީއެއް ލިބިފައިވާ ފަރާތަކަށް ނުވުން.
ހެލްޕް ޓު ބިލްޑް ސްކީމަކީ ގެދޮރުވެރިކަމުގެ ފުރުސަތު އޮވެ، މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ގެދޮރުވެރިވެފައިނުވާ ދިވެހި ރައްޔިތުންނަށް އަމިއްލަ ގެދޮރު ބިނާކުރުމަށް މަގުފަހިކޮށްދިނުމަށް ހިންގާ ސްކީމެކެވެ. އަދި އަލަށް ގެދޮރު ބިނާކުރުމަށް އުފުލަންޖެހޭ މާލީ އިލްތިޒާމްތަކާއި ދަރަނި އަދާކުރުމުގެ ބުރަ ކުޑަކޮށްދޭން ހިންގާ ސްކީމެއް ކަމަށް މިނިސްޓްރީން ބުންޏެވެެ.
ހެލްޕް ޓު ބިލްޑް:
ގެދޮރު ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނީ، އަމިއްލަ ނަމުގައިވާ ގޯތީގައި ވަކި ޝަރުތުތަކަކަށް ފެތޭ އެޕްލިކޭޝަން ހުށަހަޅާ ފަރާތުޖން ދިރިއުޅުމުގެ ބޭނުމަށް ގެއެއް ނުވަތަ ހައުސިން ޔުނިޓެއް އިމާރާތްކުރާށެވެ. އެ ޝަރުތުތަކަކީ؛
- އަލަށް ގެއެއް އިމާރާތްކުރުން.
- ހަދަން ފަށާފައިވާ ނުނިމިހުރި އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ނިންމުން.
-
ބާވެފައިވާ އިމާރާތެއް އަލުން ހެދުން.
އުސޫލުގައިވާ ގޮތުން ގްރޭޓާ މާލޭ ސަރަހައްދުން ފިޔަވައި އެހެން ރަށްރަށުގައި ހިލޭ އެހީގެ ގޮތުގައި ގޯއްޗަކަށް 200،000ރ. ދޫކުރާނެ އެވެ. އަދި ވިލިމާލެ އާއި ހުޅުމާލޭ ނުހިމެނޭ ގޮތަށް މާލެއަށް ހިލޭ އެހީގެ ގޮތުގައި ދޫކުރާނީ 200،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެގޮތަށް އެހީ ދޫކުރާނީ ގޯތީގެ ވެރިފަރާތުގެ ތެރެއިން އެޕްލިކޭޝަން ހުށަހެޅުމާ އެކު ޝަރުތު ހަމަވާ ކޮންމެ މީހަކަށް ހިލޭ އެހީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ލިބޭ ގޮތަށް ގިނަވެގެން ފަސް މީހުންނަށް ނިސްބަތްވާ މިންވަރަށެވެ.
އެ ސްކީމުގެ ދަށުން ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން ފައިނޭންސިން ފެސިލިޓީއަށް ވަނުމަށް އިތުރު ފައިސާ ހަމަޖައްސައި، ފައިނޭންސިން ފެސިލިޓީއެއް ނަގާ ފަރާތުން މާލީ އިދާރާއަކުން ހަމަޖެއްސެން އޮތް މިންވަރަކަށް ފައިނޭންސް ފެސިލިޓީ ހަމަޖެއްސުމަށް އެ އުސޫލު ހުރަސް ނާޅަ އެވެ.
އެކަމަކު ކުރިން ނަގާފައިވާ ފެސިލިޓީއެއްގެ ދަށުން ފައިސާ އިތުރުކުރުމަށް ނުވަތަ ރިފައިނޭންސްކުރުމަށް އެ ފެސިލިޓީ ބޭނުން ނުކުރެވޭނެ އެވެ. އަދި މާލީ އިދާރާ އިން ފައިނޭންސިން ފެސިލިޓީ ހަމަޖެއްސުމަށްޓަކާ ދައްކަންޖެހޭ ފީތައް ދައްކާނީ ފެސިލިޓީ ނަގާ ފަރާތުންނެވެ.
އެ ސްކީމުގެ ދަށުން އެހީތެރިކަން ލިބިގެން އިމާރާތްކޮށްފައިވާ ގޯތި، އެހީ ލިބުނުތާ 25 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލާ ހާލަތުގައި ސަރުކާރުން ގެދޮރު އިމާރާތްކުރުމަށް ދީފައިވާ ހިލޭ އެހީގެ ހިއްސާއަކަށްވާ ފައިސާ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އަނބުރާ ދައްކަން ޖެހެ އެވެ. ގެދޮރު ވިއްކާލާ ހާލަތުގައި ސަރުކާރަށް ލިބޭ ފައިސާ ޖަމާކުރެވޭނީ ސަރުކާރުގެ ހައުސިން ފަންޑަށް ކަމަށް ވެސް އުސޫލުގައިވެ އެވެ.