މި ވަގުތު ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކާލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ އަލަށް އާބާދު ކުރަން ތައްޔާރުވަމުން އަންނަ ރަސްމާލޭގައި ބިޔަ މަޝްރޫއުއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު މިއަދު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.

ދިވެހި ސަރުކާރާ އެކު ވީ 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން އީގަލް ހިލްސް އިން ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާއެއް ތަރައްގީ ކުރާނެ އެވެ. އަދި ރަސްމާލޭގައި ހައުސިން މަޝްރޫއުއެއް ވެސް ހިނގަން ވަނީ ހަމަޖެހިފަ އެވެ. 

އެ މަޝްރޫއުއަށް ތާއިދު އޮތްކަން ހާމަކުރައްވަމުން މިއަދު އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލެގައި ވޯޓާފްރޮންޓެއް ތަރައްގީ ކުރުމަކީ ރަނގަޅު ހިޔާލެއް ކަމަށެވެ. 

ނަމަވެސް، ނަޝީދު ވިދާޅުވީ އެ މަޝްރޫއުއަކީ މި ވަގުތު ރާއްޖެ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުންހުރި ކަމެއް ނޫން ކަމަށާއި ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެ ކަމަށެވެ. 

ނަޝީދު ވިދާޅުވީ އެފަދަ މަޝްރޫއުތަކުގެ ބަދަލުގައި މި ވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކާލުން ކަމަށެވެ.  

"ދައުލަތުގެ ދަރަނި އަދާކުރުމަށް ޕްރައިވެޓައިޒް ކުރުމާއި ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް،" ނަޝީދު ވިދާޅުވި އެވެ. 

ދައުލަތުގެ ހަރުމުދާ ވިއްކުމަށް ތާއިދު ކުރައްވާ ނަޝީދުގެ ވެރިކަމުގައި ދިރާގާއި އެމްޑަބްލިއުއެއްސީގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލި އެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރްއަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނެވެ. 

ނަޝީދުގެ މި ސިޔާސަތު އޮތް ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ ދެކޮޅަށް އެކި ފަހަރު މަތިން ވާހަކަ ދައްކަވައިފަ އެވެ. ރާއްޖޭގެ ހަރުމުދާ ވިއްކުމާ ދެކޮޅުކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވަނީ ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަލުން ސަރުކާރަށް ގަތުމަށް ވެސް ނިންމަވައިފަ އެވެ. 

ޕީއެންސީގެ ކޮންގްރެސް ނިންމާލަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިދިކޮޅު ފިކުރުން ރާއްޖެ ދަރުވާލައި، ހަރުމުދާތައް ވެސް ހުރީ ވިއްކާލާފައި ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެ ދަރަނިތަކުން ރާއްޖެ ސަލާމަތްކޮށް ހަރުމުދާތައް ގެންނަން ކަމަށެވެ. 

"އެންމެ ޒައްރެއްގެ މިންވަރު ވެސް ބޭރު ބަޔަކަށް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.