ނަފްސާނީ ފަރުވާއަށް ހާއްސަކޮށްގެން ހުޅުމާލޭގައި 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިކަން ހުރި ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. ބިޑްގައި ބައިވެރިވުމަށް 1،500ރ. ނުވަތަ 100 ޑޮލަރު އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 864,000.00ރ. ދައްކަންޖެހެ އެވެ.
ބިޑު ހުށަހަޅަން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުއްދަތުދީފައިވެ އެވެ. ޖެހިގެން އަންނަ ދުވަހު އެ ބިޑްތައް ހުޅުވާނެ އެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސަރަހައްދުގައި އެފަދަ ހޮސްޕިޓަލެއް އަޅާނެކަން މިދިޔަ އޭޕްރީލް މަހު އިއުލާން ކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމައަށް 10،954 މީހުން އެ ބަލީގެ އެކި ފަރުވާތައް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އިމާރާތް ކުރުމަކީ ވައުދަކަށް ވިޔަސް، އެކަން ކުރަން ނިންމާފައި އޮތީ ބޭރުގެ ލޯނު އެހީއެއް ހޯދައިގެން ކަމަށެވެ. ނަމަވެސް އެ އެހީ ހަމަޖައްސަން ގިނަ ދުވަސް ހޭދަވާތީ، ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެ މަސައްކަތް އަވަސްކުރަން ނިންމީ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ކުރިން ވަނީ ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި 14،000 އަކަފޫޓުގެ ބިމެއްގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.