ހައުސިން މިނިސްޓްރީ އަށް 8 ސިވިލް އިންޖިނޭރުން ހޯދަން އިއުލާނު ކޮށްފި އެވެ.
އިއުލާނުގައިވާ ގޮތުން އެސިސްޓަންޓް ސިވިލް އިންޖިނޭރަކު ހިމެނޭހެން ތިން ސިވިލް އިންޖިނޭރަކު ހޯދަނީ ކޯސްޓަލް ސެކްޝަނަށެވެ. އަދި ސްޓްރެޓީޖިކް ޕްރޮޖެކްޓްސް ސެކްޝަނަށް ދެ ސީނިއާ ސިވިލް އިންޖިނޭރަކު ހޯދާއިރު ހައުސިން މަޝްރޫއުތަކާ ބެހޭ ސެކްޝަނަށާއި މަގުތަކާ ބެހޭ ސެކްޝަންތަކަށް ސިވިލް އިންޖިނޭރަކާއި އެއާޕޯޓު ތަރައްގީކުރުމާ ބެހޭ ސެކްޝަނަށް ސީނިއާ ސިވިލް އިންޖިނޭރަކު ހޯދަ އެވެ.
އެސިސްޓެންޓް ސިވިލް އިންޖޭރުން ހޯދުމަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ މަގާމުގެ އަސާސީ މުސާރަައަކީ 14،095ރ. އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 6،575ރ. ލިބޭއިރު ހާޒިރުވާ ކޮންމެ ދުވަހަކަށް 180ރ. ދޭނެ އެވެ. އެހެންކަމުން އެސިސްޓެންޓް ސިވިލް އިންޖިނޭރަށް މުސާރައިގެ ގޮތުގައި މަހަކު 26،070ރ. ލިބޭނެ އެވެ.
ސިވިލް އިންޖިނޭރެއްގެ އަސާސީ މުސާރައަކީ އިއުލާނުގައިވާ ގޮތުން 18،945ރ. އެވެ. ހާޒިރުވާ ކޮންމެ ދުވަހަކަށް 295ރ. ގެ އިނާޔަތެއް ލިބޭނެ އެވެ. އެ މަގާމުގެ މުސާރައަކީ މަހަކު 38،645ރ. އެވެ.
ސީނިއާ ސިވިލް އިންޖިނޭރެއްގެ މުސާރައަކީ 46،155ރ. އެވެ. ހާޒިރުވާ ކޮންމެ ދުވަހަކަށް 350ރ. ލިބޭއިރު އަސާސީ މުސާރައިގެ ގޮތުގައި 22،670ރ. އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި 12،985ރ. ލިބޭނެ އެވެ.
މަގާމާއި ޝަރުތުތައް:
- ސީނިއާ ސިވިލް އިންޖިނޭރެއް ނަމަ ޝަރުތަކީ މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ޑޮކްޓޯރިއަލް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއްގެ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާ އެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ގެ ޑިގްރީއެއް ނުވަތަ ބެޗެލާސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާ އެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ސިވިލް އިންޖިނޭރެއްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއްގެ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ގެ ޑިގްރީއެއް ނުވަތަ ބެޗެލާސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އެސިސްޓެންޓް ސިވިލް އިންޖިނޭރެއްގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއްގެ ޑިގްރީއެއް ނުވަތަ ބެޗެލާސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުން،
އެ މަގާމުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ހުޅުވާލާފައި ވާއިރު ފޯމާއި ލިޔެކިޔުންތައް ހައުސިން މިނިސްޓްރީގެ ކައުންޓަރުން ނުވަތަ އެ އެ މިނިސްޓްރީގެ އީމޭލުން ބަލައިގަންނާނެ އެވެ.