ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.
އެޗްޑީސީން މިރޭ ބުނީ އޭގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ މީހުންނަށާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމް ކޮށްފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިން އެލީއަކާއި ގޭމިން އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންކުރާނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެ ފަދަ ގޮތަކަށް އެ ތަން ތަރައްގީ ކުރާއިރު ލޮކަރު ރޫމަކާއި އާންމު ފާހާނާ ބަރިއެއްގެ އިތުރުން މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިން ސަރަހައްދެއް ވެސް ހަދަން ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓާއި އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންނެވެ.
އެ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި އާއިލާތަކަށާއި ޒުވާނުންގެ އިތުރުން އެ ތަނަށް ދާ ޓޫރިސްޓުންނާއި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށް ވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމް ވާނެ ކަމަށް އެޗްޑީސީން ދެކެ އެވެ.