ސިނަމާލޭ ބްރިޖު ހުރަސްކޮށް ހިނގާފައި ހުޅުލެ އާއި ހުޅުމާލެ ދިއުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީ އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.
ފުލުހުން ބުނީ އޮގަސްޓް 2018 ގައި ސިނަމާލޭ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ.
އެކަަމަކު ބްރިޖުގެ އެެއާޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް މީހުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އެއީ ހުއްދަ ކަމަކަށް ނުވާއިރު އެގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންވެ ފުލުހުން ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ސަރަހައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ މީހުންނާ މެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުންގެންދާނެ ކަަމަށެވެ.