ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް ނެރުނު ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުވާ ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފުގެ މައްޗަށް ދައުވާ އުފުލައިފި އެވެ. 

އީޝާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ކަށަވަރުކޮށްދިނެވެ. 

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ރައީސް މުއިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށްފައިވާ ކަމަށް ބުނެ އެވެ. 

ޑޮކިއުމެންޓްރީގެ މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ވަނީ ގަޒުފު ކުރުމުގެ ދައުވާ އުފުލައިފަ އެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތުގައި ދައުވާއަށް ފިޔާޒާއި ހަސަން ވެސް އިންކާރުކޮށްފައިވެ އެވެ. 

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.