މާލޭގައި ބަނގުރާ އުފައްދައި އޭގެ ވިޔަފާރިކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލާގައި ހައްޔަރުކުރީ އިންޑިއާގެ ދެ މީހުން ކަމަށްވާ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރް އާއި އުމުރުން 23 އަހަރުގެ ކަންކަން އިރުލައްޕަން އެވެ. 

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުން ހުއްޓުވާފައި ވަނީ މާލޭގެ މަގުމަތިން ކަމަށެވެ.

އެ މައްސަލާގައި ވަނީ އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައިފާސްކޮށްފަ އެވެ. 

ފުލުހުން ބުނި ގޮތުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 906 ފުޅި އާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 16 ޓައްޕު އަދި ގިނަ އަދަދެއްގެ ފައިސާ އެތަނުން ފެނިފައިވެ އެވެ. އެ މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފަ އެވެ.

ފުލުހުން ބުނީ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، ދެ މީހުން ވެސް ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ އިދާރާއާ ހަވާލުކޮށްފައި ކަމަށެވެ. 

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.