މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓްގައި ނިޔާވި ދިވެހި ދަރިވަރުގެ ޖަނާޒާ މިއަދު ބާއްވަން ނިންމައިފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ކައިރިން ސަންވޭ ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ނިޔާވީ އައްޑޫގެ ހިތަދުއަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ އާމިނާ އިމީލީ ނާޒިމް އެވެ.

އިމީލީގެ އާއިލާއިން ބުނީ ކަށުނަމާދު އޮންނާނީ މެލޭޝިއާގައި މިއަދު މަޣްރިބް ނަމާދަށް ފަހު ކަމަށެވެ. 

ކަށު ނަމާދު ބާއްވަނީ ސުބަންގް ޖާޔާގެ މޮސްކް އަލް އިސްޔާދު އެންޑް މުސްލިމް ސިމެޓްރީގަ އެވެ.

އިމީލީ އަކީ މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އިމީލީ ނިޔާވި އެކްސިޑެންޓް ހިނގީ އިތުރު އެހެން ދަރިވަރަކާ އެކު ޝޮޕިން މޯލްއަކަށް ދިއުމަށް ފަހު، އެނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ ހާދިސާގައި އަނެއް ދަރިވަރަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ.

މި އެކްސިޑެންޓް މެލޭޝިއާގެ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ޓެކްސީ ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި އިރު، 37 އަހަރުގެ ޑްރައިވަރު އިނީ މަސްތުގެ ހާލަތުގަ އެވެ.