ހުޅުމާލެ ބީޗު ސަރަހައްދުގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ވިޔަފާރި ބޭނުމަށް ބީޗުގައި ޖަހާފައި ހުރި ގޮނޑި އާއި މޭޒު ނަގައި އެތަން ހުސްކުރަން އަނެއްކާވެސް މުއްދަތެއް އެޗްޑީސީން ދީފި އެވެ. 

އާބާދީބޮޑު، ހުޅުމާލޭގައި އާއްމުން ބޭނުންކުރަން އޮންނަ ބީޗުގައި ގޮނޑި އާއި މޭޒު އަތުރައި ވިޔަފާރި ނުހިންގަން މީގެ ކުރިން ވެސް ތަކުރާރުކޮށް އެޗްޑީސީން ވަނީ އެދިފަ އެވެ. 

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގަވާއިދާ ހިލާފަށް އެގޮތަށް ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަން މީގެ ކުރިން އަންގާފައިވީ ނަމަވެސް އެއާ އެއްގޮތަށް އެ ތަންތަން ހިންގާ މީހުން އަމަލު ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެޗްޑީސީން އަންގާފައި ވަނީ އަންނަ މަހުގެ 9 ގެ ކުރިން ބީޗު ހުސްކުރުމަށެވެ.

އަދި ހުއްދަ ނުނަގައި ކާބޯތަކެތި ވިއްކާނަމަ ހުއްދަ ނަގައިގެން ވިޔަފާރި ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ މުއްދަތަށް ފަހު އެ ތަންތަނުގައި ވިޔަފާރިކުރާ ނަމަ ކަމާ ގުޅުން ހުރި އިދާރާތަކާ އެކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ބީޗު ހުސްކުރުމުގައި ލިބިދާނެ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާއެއް ނުވާނެ އެވެ. 

މީގެ ކުރިން ގޮނޑި އާއި މޭޒުތައް ނަގަން އެންގުމުން، ދުވަސްކޮޅަކަށް އެ ތަންތަން ހުސްކުރި ނަމަވެސް އަލުން އަނެއްކާ ވެސް ވިޔަފާރި ކުރަން ފަށަ އެވެ.