ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތަކާ ގުޅުވައިގެން ދައްކާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ގުޅުންތަކަށް އަސަރުކުރާނެ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ އެހެން ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގަން ނިންމާފައިވާ ބިޔަ ޕްރޮޖެކްޓާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވަ އެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ އެހީގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއާ ގުޅުވައިގެން އޭރުގެ ވެސް އިދިކޮޅު ޕާޓީ އެމްޑީޕީން ފެތުރި ވާހަކަތަކާ އެކު، ޖެހުނީ އެ މަޝްރޫއު ވެސް ހުއްޓާލަން ކަމަށެވެ. އޭގެ ފަހުން ސައޫދީއާ އެކު ރަނގަޅު ގުޅުމެއް ރާއްޖެއަށް އިޔާދަކުރެވުނީ ވަރަށް މަސައްކަތުން ކަމަށް އެ ދުވަސްވަރު ކެބިނެޓްގައި ހުންނެވި އިރުތިޝާމް ވިދާޅުވި އެވެ.
"ދޭދޭ ގައުމާ އޮންނަ ހާރިޖީ ސިޔާސަތަށް ވެސް ބުރޫއަރާނެ. އެ ގައުމާ އޮންނަ ގުޅުމަށް ވެސް އަޅުގަނޑުމެންނަށް އަސަރު ކޮށްފައި ވަނީ. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އެ ވަރުގެ އިސްލާމީ ގައުމުތަކާއި އަރަބި ގައުމުތަކާ މި އޮންނަ ގުޅުމަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެ ގުޅުންތަކަށް ގެއްލުންވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ، އިރުތިޝާމް ވިދާޅުވީ އަމިއްލަ ފައިދާއަކަށްޓަކައި ދައްކާ ވާހަކަތަކަކާ ހެދި، ދިވެހިންނަށް ލިބެން އޮތް ފައިދާއަކަށް ހުރަސްއެޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރޭގައި ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އިސްލާމީ ގައުމުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ބޮޑެތި އެހީތައް ވެދޭ ގައުމުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސައޫދީ އާއި ޔޫއޭއީ އާއި ކުވެއިތު ފަދަ ގައުމުތައް ފާހަގަކުރެއްވި އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އެކި ފަހަރު މަތިން ރާއްޖެއަށް އެހީތެރިވި ގައުމުތަކެވެ.
"އެހެންވީމާ އެ ގައުމުތަކަށް ދަތިވާއިރު ދިވެހިރާއްޖެއަށް ލިބޭ އެހީތަކަކަށް ދަތިވާނެ. ހުރިހާ އެސެންޝަލް ކޮމޯޑިޓީސްއަކީ އިމްޕޯޓް ކުރާ އެއްޗެއް. އެގޮތުން ވެސް އެބަ ދަތިވޭ. އެހެން ބަލާއިރު އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި އިންވެސްޓްމަންޓުތަކެއް ގެނައުން،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިިއިރު ބޮޑު ދަރަންޏެއް އޮތް ކަމަށާއި ވެރިކަމުގެ ކުރީކޮޅު އޮތީ އެ ދަރަނިތައް ދެއްކުން ކަަމަށެވެ. އެހެންވެ، ރާއްޖެއާ މެދު މީހުން ދެކޭ ގޮތް ރަނގަޅު ގޮތުގައި ދެމެހެއްޓުމަށްޓަކައި މި ސަރުކާރުން އިސްކަންދެނީ ޑިފޯލްޓަކަށް ނުގޮސް ދަރަނި ދައްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު އެހާ ބޮޑު ދަރަންޏެއް ދައްކަމުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ޕްލޭން ކާމިޔާބު ކުރެވޭނީ އިންވެސްޓްމަންޓުތަކާއި ބޭރުގެ އެހީ ވެސް ބޭނުންވެ އެވެ.
"ފުރަތަމަ ކަމަކަށް ރަސްމާލެ ޕްރޮޖެކްޓަކީ މެގަ ޕްރޮޖެކްޓެއް. މި ސަރަހައްދުގައި ތަރައްގީވަމުން އަންނަ ގައުމުތަކުން ވެސް އެކަން ފާހަގަކުރޭ. އަޅުގަނޑު އދ. ގެ ބައްދަލުވުމަށް ނިއުޔޯކްގައި ހުރިއިރު، އެ ގައުމުތަކުން ފާހަގަކުރި މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި. ކިހިނެއްތޯ އެވަރުގެ އިންވެސްޓްމަންޓަކަށް އެޓްރެކްޓްކުރީ، މިއީ ވެސް އައި ސުވާލެއް،" އީގަލް ހިލްސްއިން ރާއްޖޭގައި ހިންގަން ނިންމާފައިވާ 12 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ އިންވެސްޓަމަންޓް ގެނެވުނީ ރާއްޖެ މާކެޓް ކުރިލެއް ރަނގަޅުވުމުން ކަމަށެވެ. އަދި އީގަލް ހިލްސްއިން މައުލޫމާތު ވެސް ހިއްސާ ކުރަމުން ގެންދާކަން ފާހަގަކުރެއްވި އެވެ.
އިރުތިޝާމް ވިދާޅުވީ، މިއީ ބަޔަކު ވެރިކަމަށް އަންނަން ނުވަތަ ވަކި ބަޔަކު ގެނައި އިންވެސްޓްމަންޓަކަށް ވާތީ އޭގެ "ހަސަދަވެރިކަމެއް" ނުވަތަ ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ހުރަސްއަޅަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެއަށް ގެނައުމަކީ އިންގިލާބީ ބަދަލެއް. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ރަސްމާލެއަށް ވަރަށް ބޮޑު ބަދަލެއް ގެންނަވާނެ. ބޯހިޔާވަހިކަމުގެ ތަރައްގީ އާއި އެއާ ގުޅިފައިވާ މެރީނާއަކާއި އަދި އެހެނިހެން ސާވިސްތަކެއް އެ ޕްރޮޖެކްޓްގެ ދަށުން އެބަ އާދޭ،"
އޭނާ ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫއާ ގުޅޭ ވާހަކަތައް ގިނަގިނައިން ދައްކައި، މައުލޫމާތުތައް އާންމު ކުރުމަކީ ރައީސް މުއިއްޒުގެ ތަސަައްވުރު ކާމިޔާބުވުން ކަމަށެވެ. އަދި ކުރިމަގަށް މަޝްވަރާތަކެއް އަދިވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
"މިވަރުގެ އިންވެސްޓްމަންޓެއްގައި އަބަދުވެސް މަޝްވަރާ ކޮށްގެން ނެގޯޝިއޭޓް ކޮށްގެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ގޮތަކަށް ހަނިވާ ގޮތަކަށް އަޅުގަނޑުމެންގެ ގާނޫނުއަސާސީއާ ހިލާފުވާ ގޮތަކަށް ނުވަތަ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުލިބޭ ފައިދާއެއް އޮތް ގޮތަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަމެއް ކުރައްވަފާނެހެން،" އިރުތިޝާމް ވިދާޅުވި އެވެ.
"މި ސަރުކާރު އައިސްފައި މިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މޯލްޑިވްސް ފަސްޓް ޕޮލިސީއާ އެކުގައި."