ކުޅުދުއްފުށީ އިންޖީނުގެ ހިންގުމާ ސްޓެލްކޯއިން ދެވަނަ ފަހަރަށް ހަވާލުވެ، ކަރަންޓް ދިނުމުގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.  

ކުޅުދުއްފުށީގައި ސްޓެލްކޯގެ ހިދުމަތް ރަސްމީކޮށް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި ކުޅުދުއްފުށި އިންޖީނުގޭގައި ގައުމީ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަޒްވަރެވެ. ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އެވެ.

އެ ރަސްމިއްޔާތުގައި އަޒްވަރު ވިދާޅުވީ ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދަން އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ. އެކަމަށްޓަކައި އޭނާ ރައީސަށް ޝުކުރުއަދާކުރެއްވި އެވެ. 

ކުޅުއްދުއްފުށީ އިންޖީނުގެ 2003 ވަނަ އަހަރުން ފެށިގެން 2009 އާ ހަމަައަށް ހިންގީ ސްޓެލްކޯ އިންނެވެ. އޭގެ ފަހުން 2012 ވަނަ އަހަރާ ހަމައަށް ހިންގީ ނޮދަން ޔުޓިލިޓީސް ކުންފުނިންނެވެ. އޭގެ ފަހުން ރީޖަނަލް ޔޫޓިލިޓީ ކުންފުނިތައް އެއްކޮށްލައި ފެނަކަ އުފެއްދި ފަހުން މިއަދާ ހަމައަށް ހިންގީ ފެނަކައިންނެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ކުުޅުދުއްފުށީ އިންޖީނުގޭގެ ހިދުމަތް އެ ކުންފުނިން މިއަދު ރަސްމީކޮށް ފެށި އިރު އުތުރުގެ ގިނަ އަތޮޅުތަކުގެ އިންޖީނުގެތަކާ އެ ކުންފުނިން މިހާރު ވަނީ ހަވާލުވެފަ އެވެ. 

އުތުރުގައި އެ ކުންފުނިން މިހާތަނަށް އިންޖީނުގެތަކާ ހަވާލުނުވަނީ ނ.އަތޮޅާއި ރ. އަތޮޅުގަ އެވެ. ށ. އަތޮޅުގެ އިންޖީނުގެތަކާ ހަވާލުވުމުގެ މަސައްކަތް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. 

"ސްޓެލްކޯގެ އަމާޒަކީ ފެނަކައިން ހިންގި ހުރިހާ އިންޖީނުގެތަކާ މިމަަސް ނިމުމުގެ ކުރިން ހަވާލުވުން،" އަހްމަދު ވިދާޅުވި އެވެ.

ބޮޑު ދަރަންޏަކާ އެކު ގެއްލުމުގައި ހިންގަމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރަން ނިންމައި ސަރުކާރުން އެކަން އިއުލާނުކުރީ ސެޕްޓެމްބަރު 7 ގަ އެވެ. 

ފެނަކަ އުވާލަން ނިންމިއިރު ފެނަކައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 161 މައްސަލައެއް ތަހުގީގު ކުރަމުން އެބަދެ އެވެ. އެ ތަހުގީގުތަކަށްފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް ވެސް އެންގި އެވެ. 

ކުޅުދުއްފުށީ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ގްރޫޕްފޮޓޯަކަށް ހުއްޓެނީ. ފޮޓޯ: ސްޓެލްކޯ
ކުޅުދުއްފުށީ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ގްރޫޕްފޮޓޯަކަށް ހުއްޓެނީ. ފޮޓޯ: ސްޓެލްކޯ

ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހިމަނާފައިވާއިރު އޭގެ ތެރެއިން އެއް މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ. 

ކުޅުދުއްފުށީ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ އަލީ އަޒްވަރު ވާހަަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ
ކުޅުދުއްފުށީ އިންޖީނުގެއާ ސްޓެލްކޯއިން ހަވާލުވުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ އަލީ އަޒްވަރު ވާހަަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

މިވަގުތު އެ ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. 

އެ ކުންފުނީގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓްތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާކަމަށް ކަމަށް ފެނަކައިން ބުނެފައިވެ އެވެ.