މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ރީނދޫ އެލާޓު ނެރެފި އެވެ.

މެޓު އޮފީހުން ބުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ، އެ އަތޮޅުގެ ރަށްތަކަށް ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އާ ހަމައަށް ވަނީ އެލާޓު ނެރެފަ އެވެ.

ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ވަނީ ހުދު އެލާޓު ނެރެފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިދިޔަ ބުދަ ދުވަހު "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާކުރާނެ ކަމަށެވެ. އަދި އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މި ހަފުތާ ބަންދުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދުވަސްވަރު ވިއްސާރަ ކުރިއަސް ވައި މަޑުވެ، ކަނޑުތައް ވެސް މަޑުވާނެ ކަމަށެވެ. އެކަމަކު، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. 

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.