ޑްރަގް ޓްރެފިކިން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އެއްބަސްވުމެއް މިއަދު ބަދަލުކޮށްފި އެވެ.

އެ އެއްބަސްވުން ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގަ އެވެ. 

މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި ޕާކިސްތާން ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ އިންޓީރިއާ އެންޑް ނާކޮޓިކްސް މިނިސްޓަރު ސައިދު މޮހޮސިން ރަޒާ ނަގްވީ އެވެ. 

ދަތުރުފަތުރާއި ތައުލީމާއި ސިއްހީ އަދި ދިފާއީ ދާއިރާ ހިމެނޭހެން ރާއްޖެ އާއި ޕާކިސްތާނާ ދެމެދު 20 އެމްއޯޔޫއެއްގައި މިއަދު ވަނީ ބަދަލުކޮށްފަ އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމު ގުޅިގެން އެއްބާރުލުން ދޭން ނިންމާފައިވާ ދާއިރާތަކާއި މިހާރު ގުޅުން އޮންނަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތައް ވެސް ހިމެނެ އެވެ.

އެ އެމްއޯޔޫތަކާ ގުޅޭ އިތުރ ތަފުސީލްތައް އަދި ހާމައެއް ނުކުރެ އެވެ. 

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ވެރިއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.  ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާ ރާއްޖޭގެ ތިންވަނަ ރައީސެވެ. 

އެެހެންވެ، ޕާކިސްތާނުން ވެސް ވަނީ ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ. ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫގައި ސޮއިކުރުމުގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ފަރިއްކޮޅު އޮންނާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުން ހިމެނެ އެވެ. 

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރި ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1966 ގަ އެވެ.