މި ސަރަހައްދުގެ އެކުވެރިކަމާއި އެއްބާރުލުމަށް އުފައްދާފައިވާ ސާކްގެ މަސައްކަތްތައް އަލުން ފަށަން ރާއްޖެ ތައްޔާރުކަމަށާއި އެ ޖަމާއަތް ހަރަކާތްތެރިވުން ކޮންމެހެން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު އެހެން ވިދާޅުވީ، ޕާކިސްތާންގެ ބޮޑުވަޒީރު ޝަހެބާޒް ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެއްވި ބަޔާނުގަ އެވެ. 

ރައީސް ވިދާޅުވީ، މި ސަރަހައްދުގެ ޖަމިއްޔާ، ސާކްގެ އަގު ރާއްޖެއިން ވަޒަންކުރާ ކަމަށާއި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. 

"ސާކްގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި ހަރުދަނާ، އޮއްޓަރު ހުރި މަސައްކަތްތަކެއް ކުރަން ރާއްޖެ މި އޮތީ ތައްޔާރަށް. ރާއްޖެއިން ގަބޫލުކުރާ ގޮތުގައި އަލުން އިތުބާރު އުފެއްދުމާއި މައުނަވީ މަޝްވަރާތަކަކީ މި ސަރަހައްދުގެ ގުޅުން ބޭނުންތެރިކަމެއް،" ރައީސް ވިދާޅުވި އެވެ. 

އެހެންވެ، ސާކްގެ ހުރިހާ ގައުމަކާ އެކު ރާއްޖެއިން ގާތުން މަސައްކަތްކޮށް، ވީ އެންމެ އަވަހަކަށް ސާކް ސަމިޓެއް ބާއްވަން ރާއްޖެއިން ތައްޔާރު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ސާކް ސަމިޓް އެންމެ ފަހުން ބާއްވާފައި ވަނީ 2014 ގައި ނޭޕާލްގަ އެވެ. އެއީ 18 ވަނަ ސާކް ސަމިޓެވެ.

ސާކް ސަމިޓަށް އެންމެ ބޮޑަށް ބުރޫއަރާފައި ވަނީ އިންޑިއާ އާއި ޕާކިސްތާންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަމާ ހެދި އެވެ. އަދި 19 ވަނަ ސާކް ސަމިޓް 2016 ގައި ޕާކިސްތާންގައި ބާއްވަން ގައުމުތަކުން އެއްބަސްވި ނަމަވެސް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން އެ ސަމިޓް ބޮއިކޮޓް ކުރި ފަހުން ސާކްގެ ގައުމުތައް އެއްތަނަކަށް އެއްވެ މަޝްވަރާއެއް ނުކުރެ އެވެ.