ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބަައިގެން ކިޔަވައިދޭ އުސޫލު ނުވަތަ "ހޯމް ސްކޫލިން" ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ.އަނާރާ ނައީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި އެވެ. ތައުލީމުގެ ގާނޫނަށް ގެންނަ އެހެން ބައެއް ބަދަލުތައް ވެސް ހިމެނޭ އެ ބިލުގައިވާ ގޮތުން ހޯމް ސްކޫލިން އަށް ކުއްޖަކު ޝަރުތު ހަމަވާނީ މައިގަނޑު ތިން ސަބަބެއް މެދުވެރިވެގެންނެވެ.
އެއީ؛
• ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން
• ހަމައެފަދަ ނަފްސާނީ މައްސަލައެއް ހުރުން
• ތިން ވަނަ ޝަރުތަކަށް އޮތީ އެ ނޫން ހާއްސަ ހާލަތެއް، (ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފުސާނީ މައްސަލައެއް ހުރުން ނޫން އެހެން ސަބަބެއް) މެދުވެރިވުން.
އެފަދަ ސަބަބަކާ ހެދި ސްކޫލަށް ހާޒިރުނުވެވޭ ކުއްޖަކަށް ހޯމް ސްކޫލިންގެ ހިދުމަތް ލިބޭނީ އެ ކުއްޖާގެ ބެލެނިވެރިންނަކީ ހޯމްސްކޫލިންގެ ހިދުމަތް ދިނުމުގެ މާލީ ގާބިލުކަން ހުރި ބަޔަކަށް ވާ ނަމަ އެވެ. ހޯމް ސްކޫލިން އަށް އެދެވޭނީ ރަސްމީ ތައުލީމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައިވާ ކުދިންނަށެވެ.
ހޯމް ސްކޫލިން އަށް ޝަރުތުހަމަވާ ކުދިން ކަނޑައަޅަން އެސެސްމެންޓް ހަދާނެ ގޮތުގެ ގަވައިދާއި އެކަމަށް ކުދިން ރަޖިސްޓްރީކުރުމާއި ޕްލޭން އެކުލަވައިލުމާއި އެ ގޮތަށް ކިޔަވައިދޭނެ ޓީޗަރުންގެ ޝަރުތުތައް ކަނޑައަޅާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރު އޮންނާނީ ބިލުގައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެގޮތަށް ކިޔަވާ ކުދިން މޮނިޓާ ކުރާނެ އުސޫލުތައް ވެސް އެ މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ އެވެ.
ހޯމްސްކޫލިން އުސޫލުން ވެސް ކިޔަވަން ދަތިވާ ފަދަ މައްސަލަތަކެއް ހުންނަ ކުއްޖަކަށް ނަމަ ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ތައުލީމުގެ ގާނޫނު ބަދަލުކުރަން ވެސް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.
ހޯމް ސްކޫލިން އުސޫލު ތައާރަފްކުރަން މަޖިލީހަށް ބިލެއް ހުށަހަޅާފައި މިވަނީ އެ ފުރުސަތުދޭން ބައެއް ބެލެނިވެރިން އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ.