އަލަތު ދަރިފުޅަށް ބަލިވެއިން ކަން އެނގުމުން ފާތިމަތު ނިޒްނާއަށް ގުނަން ފެށުނީ އުފާވެރިކަމުގެ ދުވަސްތަކެކެވެ. ދަރިފުޅަށް ބޭނުންވާ އަންނައުނާއި ސާމާނުތައް ހޯދައި ވިހަން ތައްޔާރުވަމުން ދިޔަ ނަމަވެސް އުއްމީދުކުރި ގޮތަށް ކަންކަން ނުދިޔަ އެވެ.
ދިމާވި ސިއްހީ ކަމަކުން، ބަނޑަށް 25 ހަފުތާ (ފަސް މަހުގައި) ޖެހުނީ ދަރިފުޅު ނަގާށެވެ. އެ ހިސާބުން އެ ދެމަފިރިންނަށް ފެށުނީ އުނދަގޫ ދިގު ދަތުރެކެވެ.
ދަރިފުޅު ތިން މަސް ވަންދެން ބާއްވަން ޖެހުނީ މެޝިންތަކުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގެ އެންއައިސީޔޫގަ އެވެ. އެގޮތަށް ދަރިފުޅު ފެންނަ ކޮންމެ ވަގުތަކީ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެންމެ ސިކުންތަކަށް ވެސް އެ ދެމަފިރިން އުއްމީދު ގެއްލުވައެއް ނުލަ އެވެ.
ތިން މަހުގެ ފަރުވާއަށް ފަހު ދަރިފުޅު އިއްޔެ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
މިއީ، އެ އާއިލާއަށް ލިބުނު ހިތްހަމަޖެހުމެއްގެ އިތުރުން ސިއްހީ ފަރުވާގައި ހޯދުނު ކުރިއެރުމެއް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވެސް ސިފަކުރެ އެވެ.
ތުއްތު އަންހެން ކުއްޖާގެ ހާލު ރަނގަޅުވުމުން އިއްޔެ ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ހާއްސަ ރަސްމިއްޔާތެއްގައި ބާއްވައި އެންއައިސީޔޫން ދޫކޮށްލައިފަ އެވެ.
މި ކާމިޔާބީ ފާހަގަކޮށް، ހުޅުމާލެ ހޮސްޕިޓަލުން ކުރި ޕޯސްޓެއްގައި ބުނީ ބަނޑަށް 25 ހަފުތާގައި އުފަންވި ތުއްތު ކުއްޖަކު ރަނގަޅުވެގެން އާއިލާއާ ހަވާލުކުރެވުމަކީ އުންމީދާއި އޯގާތެރިކަމުގެ އިތުރުން ޓީމެއްގެ ގޮތުގައި ކުރި އިހުލާސްތެރި މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.
"ކޮންމެ ތުއްތު ފުރާނައަކީ ވެސް އަގުހުރި ފުރާނައެއް. އަދި ހޯދާ ކޮންމެ ކުރިއެރުމަކީ އުފާކުރަންޖެހޭ ކާމިޔާބީއެއް،" އެ ޕޯސްޓުގައިވެ އެވެ.
ނިޒްނާ ވަނީ ދަރިފުޅު ބެލެހެއްޓުމުގައި އެންއައިސީޔޫ ޓީމުން ދެއްކި އޯގާތެރިކަމާއި ކެތްތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
"އެ ޓީމުގެ ހުރިހާ މެމްބަރުންގެ ހަނދާންތައް އަބަދު ވެސް އަޅުގަނޑުމެންގެ ހިތުގައި ދެމިއޮންނާނެ،" އޭނާ ބުންޏެވެ.