ކެންސަރު ބަލި ދެނެގަތުމާއި އެކަމަށް ހާއްސަ ފަރުވާދޭ ސެންޓަރެއް ހެދުމުގެ އެމްއޯޔޫއެއްގައި ބޭރުގެ ދެ ކުންފުންޏަކާ އެކު އިއްޔެ ސޮއިކޮށްފި އެވެ.  

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކެންސަރުގެ ފަރުވާތަކަށް ހާއްސަ ޑައިގްނޯސްޓިކް ސެންޓަރު ހެދުމުގެ ފަހުމުނާމާގައި ހުޅުމާލެ ހޮސްޕިޓަލާއި ޔޫކޭގެ ކުއާންޓަމް ހައިޓްސް ލިމިޓެޑް އަދި އިންޑިއާގެ ވެން ވެސްކިއުލާ ޓެކްނޮލޮޖީ ކުންފުންޏާއެކު ވަނީ އެއްބަސްވެފަ އެވެ. 

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ސެންޓަރު ހަދަން ނިންމާފައިވަނީ ހުޅުމާލެ 2 ގައި ގާއިމްކުރާ 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ތެރެއިންނެވެ. އެ ގޯތީގެ ތެރޭގައި ވަކިން ހަދާ ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް މި އަހަރު ފަށައި ޑިސެމްބަރު، 2028 ގައި އަމަލީ މަސައްކަތް ނިންމާނެ އެވެ. 

ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮއި ކުރަނީ-- ފޮޓޯ: އައިޖީއެމްއެޗް
ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮއި ކުރަނީ-- ފޮޓޯ: އައިޖީއެމްއެޗް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވައި އެ ފަރުވާތަކަށް ބޭރު ގައުމުތަކަށް ދާންޖެހޭ އަދަދު މަދުކުރުމުގެ މަގުސަދުގައި ގާއިމްކުރާ މި ސެންޓަރު ހަދަނީ ބައްޔަށް ހާއްސަ ފަރުވާ އާއި އަސާސީ ކްލިނިކަލް އަދި އޮޕަރޭޝަނަލް އިންފްރާސްޓްރަކާއެކުގައި ކަމަށެވެ. 

އެ ތަނުގައި އިމަޖެންސީ ރޫމާއި އައިސީޔޫ، އެޑްމިޓުކޮށްގެން ފަރުވާދޭ ވޯޑު، އޮޕަރޭޝަން ތިއޭޓަރު އަދި ހާއްސަ ޕްރޮސީޖާ ރޫމްތައް ހުންނާނެ އެވެ.

އެ ސެންޓަރުން ދޭނެ ހިދުމަތްތައް:

  •  ތްރީ-ޑައިމެންޝަނަލް ކޮންފޯމަލް ރޭޑިއޯތެރަޕީ 
  •  އިންޓެންސިޓީ-މޮޑިއުލޭޓެޑް ރޭޑިއޯތެރަޕީ 
  •  އިމޭޖް-ގައިޑެޑް ރޭޑިއޯތެރަޕީ 
  •  އެކްސްޓާނަލް ބީމް ރޭޑިއޯތެރަޕީ
  •  ބްރެކީތެރަޕީ
  •  ކީމޯތެރަޕީ
  •  ސީޓީ ސިމިއުލޭޝަން
  •  ކެންސަރުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެހީތެރިކަމާއި އެހެނިހެން ހާއްސަ ޑައިގްނޯސްޓިކް އަދި ތެރަޕިއުޓިކް ފަރުވާތައް
ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އައިޖީއެމްއެޗް
ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: އައިޖީއެމްއެޗް

މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްދާ އެ މަސައްކަތުގައި ނިއުކްލިއާ މެޑިސިން އަދި ޕޮޒިޓްރޯން ފަދަ ޒަމާނީ ޑައިގްނޯސްޓިކް ޓެކްނޮލޮޖީތައް ހިމެނޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ބަލިން ފަސޭހަވާނެކަމުގެ އުއްމީދުކަނޑާލާފައިވާ މީހުންގެ ތަދުތަކަށް ފަރުވާ ދިނުމާއި  މަލްޓިޑިސިޕްލިނަރީ ޓިއުމަރު ބޯޑުތަކާއި ފަރުވާ ރޭވުމަށް ހާއްސަ ނިޒާމުތައް ގާއިމްކުރާނެ އެވެ. 

ކެންސަރު ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެ އިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރު ފަރުވާގެ ވަކި ހިސާބަކުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން މަޖުބޫރުވެ އެވެ.

ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: އައިޖީއެމްއެޗް
ކެންސަރު ބަލީގެ ހާއްސަ ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: އައިޖީއެމްއެޗް

ނަމަވެސް، ޑައިގްނޯސްޓިކް މި ސެންޓަރާއެކު ކެންސަރު ބައްޔަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދިއުން ނިމުމަކަށް އަންނާނެ އެވެ. 

"ފިޒިކަލް އިންފްރަސްޓްރަކްޗާ ތަރައްގީކުރުމުގެ އިތުރުން މި މަޝްރޫއަކީ ހާއްސަ މެޑިކަލް ހިދުމަތްތަކާއި ސިއްހީ ދާއިރާގެ މުވައްޒަފުން ތަރައްގީކުރުމާއި މުއައްސަސާގެ ގާބިލްކަން އިތުރުކުރުމާއި ބަލި މީހުންނަށް އިސްކަންދޭ ފަރުވާއަށް ކުރި ދިގު މުއްދަތުގެ އިންވެސްޓްމަންޓެކެވެ،" ބަޔާނުގައިވެ އެވެ.

"މި މަސައްކަތް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ އޮންކޮލޮޖީ ހިދުމަތްތައް ދިނުމަށް ހާއްސަ ޑައިގްނޯސްޓިކް މަރުކަޒުގެ ސަބަބުން ރާއްޖޭގެ ކެންސަރު ދެނެގަތުމާއި ފަރުވާ ދިނުމަށް ގާބިލިއްޔަތު އިތުރުވެ، ފަރުވާގެ ކެނޑިނޭޅިކަން ރަނގަޅުވެ، ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ އެވެ."