ރާއްޖޭގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި މޫދު އަޑީގައި ހިންގި ހަމަނުޖެހުމެއް އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ "މޯލްޑިވްސް ލެޖެންޑް" ލިވަބޯޑާއި "އިންފިނިޓީ އެކްސް"ގެ ޑައިވިން ޓީމުތަކާ ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ހިނގި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ވަކި ފަރާތަކަށް ނުޖެހި، ކަމާ ބެހޭ އިދާރާތަކުން މި މައްސަލައާ ގުޅޭ ފުރިހަމަ އަދި ސީރިއަސް ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. 

ރާއްޖޭގެ ބޯޓިން އަދި ޑައިވިން ދާއިރާގެ އެތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްނުކުރުމާއި ކަންހިނގި ގޮތް ސާފުނުވަނީސް އަވަސް އަރުވާލައިގެން ނިންމުންތައް ނުނިންމުމަށާއި އެކި ތުހުމަތުތައް ކުރުމުން ދުރުހެލިވުމަށް އެންބީއޭއެމް އިލްތިމާސްކުރި އެވެ.  

ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން މުޅި ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ނުވަތަ ރާއްޖެއަކީ ޑައިވް ކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދެއްކުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް އެންބީއޭއެމް އިން ބުންޏެވެ. 

މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ، އިންސާފުވެރި އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި ޓޫރިޒަމް މިނިސްޓްރީއަށް އަދި ކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތަކަށް އެންބީއޭއެމް އިން ވަނީ ގޮވާލައިފަ އެވެ.

އެންބީއޭއެމް އިން ބުނި ގޮތުގައި، މި ހާދިސާގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނިވަލުގައި، ދިވެހިންގެ އެކަށޭނެ މިލްކުވެރިކަމެއް، ބައިވެރިވުމެއް ނުވަތަ ހިންގުމުގެ ދައުރެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޓޫރިޒަމްގެ ހަރަކާތްތައް ހިންގާ ބޭރުގެ އުޅަނދުފަހަރު އުޅޭތީ އެކަމުގެ ކަންބޮޑުވުން އެބައޮތެވެ. 

"އިންފިނިޓީ އެކްސް"އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި އުޅަނދެއް ކަމަށާއި އުޅަނދުފަހަރުގެ އޮޕަރޭޝަންތައް ލޯކަލައިޒް ކުރުމާ (ދިވެހިކުރުމާ) ގުޅޭ ގޮތުން އައި ގަވާއިދުގެ ބަދަލުތަކާ އެކު، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއްގެ އޮނިގަނޑަށް އެ އުޅަނދު ބަދަލުކޮށްފައިވާކަން އެ އެސޯސިއޭޝަނަށް އެނގޭ ކަމަށް ބަޔާނުގައި ބުންޏެވެ. 

ނަމަވެސް، އެންބީއޭއެމް އިން ބުނި ގޮތުގައި، މިހާރު އޮތް އިންތިޒާމުގެ ތެރޭގައި ދިވެހިންގެ ހަގީގީ ބައިވެރިވުމާއި ހިންގުމުގެ ކޮންޓްރޯލް އޮތް މިންވަރާ މެދު ސުވާލުތަކާއި ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ދަފްތަރުގައި ހުރި ތަފްސީލުތަކާއި ދުނިޔޭގެ މަގުބޫލު ބުކިން ވެބްސައިޓްތަކުގައި "އިންފިނިޓީ އެކްސް" އުޅަނދުގެ ޖާގައާ ބެހޭ ގޮތުން ހާމަކޮށްފައިވާ އަދަދުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް އެންބީއޭއެމް އިން ބުންޏެވެ.

ވަކި ހާދިސާއެއް ނުވަތަ ވަކި ބައެއްގެ އަމަލުތަކެއްގެ މައްޗަށް ބިނާކޮށް ރާއްޖެއަކީ ޑައިވް ކުރުމަށް ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރާތީ އެ އެސޯސިއޭޝަނުން ވަނީ އެކަން ވެސް ކުށްވެރިކޮށްފަ އެވެ. 

ރާއްޖޭގެ މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި ޗައިނާގެ ޑައިވިން އިންސްޓްރަކްޓަރަކަށް ބޭރުގެ ޑައިވަރުންތަކެއް ހަމަލާދީ، މޫދު އަޑީގައި ބޮޑު ހަމަނުޖެހުމެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފުތާގައި ވަނީ އާންމުވެފަ އެވެ. އެ ހަމަނުޖެހުން ހިންގީ މިދިޔަ ބުދަ ދުވަހު އެވެ. 

ގިނަ އަދަދެއްގެ ޑައިވަރުން އެ ސަރަހައްދަށް އެއްވެފައި އޮތް ވަގުތެއްގައި، ބޭރުގެ ޑައިވަރަކު ޗައިނާގެ އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައި ކޮއްޕައި، އޭނާގެ ފިންސުން ވެސް ގައިގައި ޖަހަ އެވެ. ކަނޑުގެ 18 މީޓަރު އަޑީގައި ހިނގި މި ހަމަނުޖެހުމުގައި ޗައިނާގެ އިންސްޓްރަކްޓަރުގެ އޮކްސިޖަން މާސްކު ދަމައިގަންނަން ހަމަލާދިން މީހާ މަސައްކަތްކުރި އެވެ.