ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދަން އިއުލާންކުރީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިޓަޔާވާން ހުށަހެޅުއްވުމުން ރިޓަޔާކޮށްދޭން ޖޭއެސްސީން ނިންމާފައިވާތީ އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި މަހަކު 59،700ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 25،000ރ. އަދި ރިސްކް އެލަވަންސަށް 3،300ރ. ލިބެ އެވެ. އަދި ރައްޔިތުންގެ ކަނޑައަޅާފައިވާ ގޮތުގެ މަތިން އެހެން އިނާޔަތްތައް ވެސް ލިބެ އެވެ. 

އެ މަގާމަށް ކުރިމަތިލާ މީހުންނަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާން ޖެހެ އެވެ. 

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. 

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކެއް މަޖިލީހުން ފާސްކޮށްގެންނެވެ.

ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވާ ސަބަބެއް ވެސް ސާފެއް ނުވެ އެވެ. 

ފަނޑިޔާރު އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.

އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ މީގެ ހަ އަހަރު ކުރިންނެވެ.