ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފި އެވެ.
ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އޭނާ ކުރި ޕޯސްޓުގައި ވަނީ އެކަން ކުރަން ހިތްވަރުދީފަ އެވެ. އެހެންވެ އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހީ މިދިޔަ މަހުގެ 21 ގަ އެވެ.
ބަންދު މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް އިތުރު 14 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޒިހާންގެ ސްޓޭޓަސްގައި ވަނީ "[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" އެވެ. ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅު އެވެ. އޭރު އޭނާގެ ގާތް މީހުން ތުހުމަތުކުރި ގޮތުގައި ސިފައިންގެ އިން ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީވެ އެވެ.
އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. އެކަމަކު ފަހުން މަގާމުން ވަކިކުރުމުން އޭނާ އައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.