"ހޯމް ސްކޫލިން" ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ބަދަލު ގެންނަން ޖެހޭނީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެ ފުރުސަތު ދޭ ގޮތަށް ނޫން ކަމަށާއި އެހެން ބައެއް ހާލަތްތަކުގައި ވެސް އެ ފުރުސަތު އޮންނަންވާނެ ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ތައުލީމީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބަައިގެން ކިޔަވައިދޭ އުސޫލެއް ކަނޑައަޅާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ.އަނާރާ ނައީމް ހުށަހެޅުއްވި ބިލުގައި ހޯމް ސްކޫލިން އަށް ކުއްޖަކު ޝަރުތު ހަމަވާނީ މައިގަނޑު ތިން ސަބަބަކާ އެކުގަ އެވެ.

އެއީ ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން އަދި ހަމައެފަދަ ނަފްސާނީ މައްސަލައެއް ހުރުމުގެ އިތުރުން އެ ނޫން ހާއްސަ ހާލަތެއް ދިމާވެފައިވާ ވުމެވެ. އޭގެ ތެރޭގައި، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފުސާނީ މައްސަލައެއް ހުރުން ނުވަތަ އެހެން ސަބަބެއް މެދުވެރިވުމުން ހިމެނެ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހަސަން މި ބިލާ ބެހޭ ގޮތުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ހޯމް ސްކޫލިން ޕްރޮގްރާމް ކުރިއަށް ގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަނި ކަމަށް ބުނެފައި އޮތް ގޮތް ގޯސް ކަމަށެވެ. 

ހަސަން ވިދާޅުވީ އިސްލާހުކުރަން ހުށަހަޅާފައިވާ ގޮތަށް ވުރެ ކުރިން އޮތް ގޮތް ރަނގަޅު ކަމަށެވެ.

"ކުއްޖަކު ސްކޫލަށް ނުފޮނުވިދާނޭ އެތައް ކަމެއް މެދުވެރިވެދާނެ އެވެ. ނުކުޅެދުންތެރިކަމަކީ އޭގެ ތެރެއިން އެއް ކަމެކެވެ. މީގެ އިތުރަށް، ހޯމް ސްކޫލިން އަކީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އޮތް ވަސީލަތެއް ނޫނެވެ،" ހަސަންގެ ސިޓީގައިވެ އެވެ.

"މިސާލަކަށް، ބެލެނިވެރިޔަކާ އެކު ކުޑަ ކުއްޖަކު، ޔޮޓެއްގައި އެކި ރަށްރަށަށް ދަތުރުކުރާ ނަމަ ވެސް ކުއްޖާ ސްކޫލަށް ނުފޮނުވިދާނެ އެވެ. އެހެންކަމުން، އިސްތިސްނާގެ ދާއިރާ ފުޅާކޮށް އޮތް ގޮތް، އިސްލާހަށް ވުރެ ރަނގަޅުކަމަށް ފެނެ އެވެ."

އޭގެ އިތުރުން ބިލުގައި ހިމަނާފައިވާ ގިނަ ކަންކަމަކީ ރަނގަޅު ކަންތައްތައް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

އިސްލާހުކުރަން ހަސަން ހުށަހެޅުއްވި ބައެއް ކަންކަން

  • ގައުމީ މަންހަޖުގެ މަގްސަދުތަކާ ގުޅޭ، ސްކޫލްތަކުން ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގެ އުސޫލު ކަނޑައެޅުމާއި ސްކޫލްތައް ފިޔަވައި އެހެެން ފަރާތްތަކުން ހިންގާ ދަރިވަރުން ބައިވެރިވާ އިތުރު ހަރަކާތްތައް ހިންގުމުގެ އުސޫލުތަކަށް ރުހުންދިނުން.
  • މަޖުބޫރު ތައުލީމު ލާޒިމުވާނީ އުމުރުން 6 އަހަރާއި 15 އަހަރާ ދެމެދުގެ ދިވެހި ކުދިންނަށް ކަމަށް ކަނޑައެޅުން. އަދި އެ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުން ބެލެނިވެރިންގެ މައްޗަށް ވާޖިބުކޮށް، އެކަން ނުކޮށްފި ނަމަ ކުށްވެރިވާނެ ގޮތް ހަމަޖެއްސުން.
  • އުމުރުން 16 އަހަރު ފުރުމުގެ ކުރިން މަޖުބޫރު ތައުލީމު ފުރިހަމަކޮށްފި ނަމަ މަސައްކަތުގެ މާހައުލަށް ނުކުތުމުގެ ފުރުސަތު ދިނުމަށާއި، މަޖުބޫރު ތައުލީމަކީ ގައުމީ މަންހަޖުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ވަކި ހާއްސަ މިންގަނޑުތަކެއް ކަމުގައި ބަޔާންކުރުން.

އޭގެ އިތުރުން ހަސަން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދިވެހި ކުދީންގެ ތެރެއިން ކުއްޖަކަށް އެކަށީގެންވާ ކާނާ ނުލިބޭ ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ނަމަ، އެ ކުއްޖަކަށް، އެއްވެސް އަގަކާ ނުލައި، ހެނދުނުގެ ނުވަތަ މެންދުރުގެ މިންހެޔޮ ކާނާ ފޯރުކޮށްދޭން ވާނެ ކަމަށެވެ. އެގޮތަށް ދޭ ކާނާގައި ހިމެނެން ޖެހޭ ތަކެއްޗާއި ދޭނެ ގޮތުގެ އުސޫލެއް މިނިސްޓްރީގެ ގަވާއިދަކުން ކަނޑައަޅަން ވާނެ ކަމަށް ވެސް ހަސަންގެ ސިޓީގައިވެ އެވެ.