އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގަން، 2022 އިން 2025 އަށް ދައުލަތުން ހޭދަކުރި ކޮންމެ 1ރ. އަކަށް 2.9ރ. އަނބުރާ ދައުލަތަށް ހޯދަން އެދިފައިވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ. 

އަންނަ އަހަރަށް ލަފާކުރާ އެ ކޮމިޝަންގެ ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި، ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މިދިޔަ ތިން އަހަރު އެ ކޮމިޝަނަށް 70 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރި އިރު ތަހުގީގުތައް ނިންމައި ދައުލަތަށް ގެއްލުނު 206 މިލިއަން ރުފިޔާ ހޯދަން އެ ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން އެ ކޮމިޝަނަށް އޮންނަ ޒިންމާއަކީ ތަހުގީގުތައް ހިންގައި އެ ފައިސާ ހޯދުމަށް އިދާރާތަކަށް އެންގުމެވެ. ކޯޓުތަކަށް ގޮސް އެ ފައިސާ ހޯދުމުގެ ބާރު ކޮމިޝަނަށް ނޯންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސީދާ މި އަދަދުތައް ރިކަވާކޮށްދެން އެދޭކަށް އަޅުގަނޑުމެންނަކަށް ނެތް ކޯޓަށް ދެވޭކަށް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދި ބާރު ތެރޭގައި ވެސް ހިމެނޭ ކަމެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނަށް ދައުލަތަށް ހަރަދުކުރި އަދަދަށް ވުރެ މާބޮޑު އަދަދެއް ހޯދަން އެދިފައިވާއިރު، ފައިސާގެ ނިސްބަތުން ބަލާއިރު އެ ކޮމިޝަނަށް ނަތީޖާ ނެރެވޭ ކަމަށެވެ. އަދި އެ ކޮމިޝަނުން ހިންގި އެތައް ތަހުގީގަކުން ހިންގަމުން ދިޔަ ކަންކަން ތަހުގީގުކޮށް، އެކަންކަން ހުއްޓުވައި ދައުލަތުގެ ފައިސާ ރައްކާކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އޭސީސީއިން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އޭސީސީއިން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓުތަކުން ފާހަގަވާ ކަންކަން ވެސް ތަހުގީގު ކުރުމުގެ ޒިންމާ އެކޮމިޝަންގައި އޮންނަ އިރު ކޮމިޝަންގެ ތަހުގީގު ކުރުމުގެ ފެންވަރު މިހާރަށް ވުރެ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށްޓަކައި ރަނގަޅު މުވައްޒަފުން ހިފެހެއްޓޭނެ ގޮތްތަކެއް ބޭނުންވާ ކަމަށާއި އެކަން ކުރަން މުވައްޒަފުންގެ މުސާރަ ވެސް އިތުރުވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަހުގީގު ކުރުމުގެ ފެންވަރު ދަށްވާކަމަށްވަންޏާ، ކިތަންމެ ވަރަކަށް އޮޑިޓަށް ހަރަދު ކުރިއަސް އެ އޮޑިޓްގެ އަސްލު ނަތީޖާ ހާސިލުވޭތޯ އަޅުގަނޑު މިއަދު ބޭނުންވޭ އިއްޒަތްތެރި މެންބަރު އަމިއްލަ ނަފްސާ ސުވާލުކުރައްވަން،" އޭނާ ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ، މިއީ އިލްމީ ގޮތުން ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި ތަހުގީގުތައް ހިންގުމުގައި އެކޮމިޝަނަށް މާލީ ރައްކާތެރިކަމެއް ނުލިބޭ ކަމަށްވާ ނަމަ، މި ނިޒާމުގެ ހިންގުމަށް ލޮޅުން އަރާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް އޭސީސީން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ބަޖެޓަކީ، 53.9 މިލިއަން ރުފިޔާ އެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ހުށަހެޅި އިރު އޭގެ ތެރެއިން 6.4 މިލިއަން ރުފިޔާ ވަނީ އުނިކޮށްފަ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެ ކޮމިޝަނުން ކަނޑައަޅާފައިވަނީ 47.5 މިލިއަން ރުފިޔާ އެވެ. ފިނޭންސް އިން އުނިކުރި ގާތްގަނޑަކަށް ހަ މިލިއަންގެ 90 ޕަސެންޓް އުނިކޮށްފައިވަނީ މުވައްޒަފުންގެ މުސާރައިގެ ތެރެއިންނެވެ.

ބަޖެޓް ކޮމިޓީގެ ބައެއް މެންބަރުން ކޮމިޓީގައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބަޖެޓް ކޮމިޓީގެ ބައެއް މެންބަރުން ކޮމިޓީގައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެކޮމިޝަންގެ މުވައްޒަފުންނާއި ޔޫޓިލިޓީ އާއި ކުއްޔާއި އެހެނިހެން އެޑްމިނިސްޓްރޭޓިވް ހަރަދުތައް ކެނޑުމަށްފަހު، ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ލިބުނީ 1.2 މިލިއަން ރުފިޔާ ކަމަށް އެ ކޮމިޝަނުން މަޖިލީހުގައި ބުނެފައިވެ އެވެ. އެއީ ޖުމްލަ ބަޖެޓުގެ ދެ ޕަސެންޓެވެ.

1.2 މިލިއަން ބެހިފައިވާ ގޮތް

1. ތަހުގީގު ދަތުރުތަކަށް: 200،000ރ.

2. ހޭލުންތެރިކަން އިތުރު ކުރުމަށް: 100،000ރ.

3. ޕްރިވެންޝަން ހަރަކާތްތަކަށް:100،000ރ.

4. މުވައްޒަފުން ތަމްރީނު ކުރުމަށް:391،000ރ.

5. ގުޅުން ބަދަހިކުރުމަށް:371،000ރ.

ޝާމިލް ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ ބައެއް މުވައްޒަފުންގެ މުސާރަ މިހާރު ހުރީ 2015 ވަނަ އަހަރަށް ވުރެ ވެސް ދަށް ލެވެލްއެއްގަ އެވެ. އެ ކޮމިޝަނަކީ، ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ، ބުރަކޮށް އުޅެން ޖެހޭ އިދާރާއަކަށްވާ އިރު މާލީ ގޮތުން މުވައްޒަފުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރަ ރަނގަޅުކުރެވިއްޖެ ނަމަ، މުވައްޒަފުން ތިބެ، ތަމްރީނުވެ، ގިނަ ދުވަހަށް ރަނގަޅު އިންވެސްޓަރުން އުފެދިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފައިނޭންޝަލް އިންވެސްޓިގޭޝަންތަކަކީ، ތަފާތު ތަހުގީގުތަކެއް ކަމަށާއި އެކަންކަމަށް މުވައްޒަފުން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތަމްރީނުތަކަށް އޮތީ ވަރަށް ކުޑަ ބަޖެޓެއް ކަމަށާއި އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭސީސީން ކޮމިޓީގައި ފާހަގަކުރި އެވެ.

އެ ކޮމިޝަނުގެ އެކަޑަމީ މެދުވެރިކޮށް ވެސް އަންނަ އަހަރު ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ޑިޕްލޮމާ ލެވެލް ކޯހެއް ހިންގޭތޯ އަންނަނީ ތައްޔާރުވަމުންނެވެ.

ޝާމިލް ވިދާޅުވި ގޮތުގައި އޭސީސީ މިހާރު ވެސް ހިންގަމުން އަންނަނީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށްވާތީ، ތަހުގީގުތަކަށް މީހުން ހާޒިރު ކުރުމާއި އެ ނޫން ކަންކަމަށް ވެސް ދަތިތަކެއް އެބަހުއްޓެވެ.

އެ ކޮމިޝަންގެ އިދާރާ ހިންގަން މިހާރު ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ފައިސާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން މަޖިލީސް އިދާރާގައި ވަނީ އެދިފަ އެވެ.