މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތެރެއިން އިތުރުވި އަދަދުތައް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް އެޗްއާރުސީއެމް އިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އެ ކޮމިޝަންގެ ރައީސް ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރި ބަޖެޓު އޮތީ އެ ކޮމިޝަނުން ހުށަހެޅި އަދަދަށް ވުރެ އެއް މިލިއަން ރުފިޔާ މަދުން ކަމަށާއި މުސާރައިގެ އާ އޮނިގަނޑުގެ ތެރެއިން މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު މަހު އިތުރުވި އިރު، އެ އަދަދުތައް ބަޖެޓުގައި ނެތް ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ބަޖެޓް ފޮނުވީ، އެ އަދަދުތައް ނުހިމަނަ އެވެ. އެކަމަކު އާ ބަދަލުތަކަށް މި އަހަރު އަމަލުކުރަން ފެށުމުން، މުސާރައަށް އައި އިތުރުވުމަށް ވެސް ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ބަޖެޓް ކޮމިޓީގެ މުގައްރިރު ސަލީމު އެކޮމިޓީގައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބަޖެޓް ކޮމިޓީގެ މުގައްރިރު ސަލީމު އެކޮމިޓީގައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މި އަހަރު ބަޖެޓު ކަނޑައަޅާފަ، ފޮނުވުމަށް ފަހު ޕޭ ކޮމިޝަންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއަށް މުވައްޒަފުން މިވަނީ. އެހެންވެ ހުށަހެޅި ބަޖެޓުގައި އެ އަދަދެއް ނީންނާނެ، ޕޭ ކޮމިޝަނުން އަލަށް މުވައްޒަފުންނަށް ދެއްވަން ނިންމި މުސާރައިގެ ބައި ހިމެނިފައެއް،" އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، އެހެންވެ، މިހާރު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މުސާރައަށް ކަނޑައެޅި އަދަދަށް ބޮޑު ބައެއް އިތުރުވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި އެޗްއާރްސީއެމަށް ކަނޑައަޅާފައި އޮތީ 29.7 މިލިއަން ރުފިޔާ އެވެ.

ރަމީލާ ވިދާޅުވީ، މުސާރައިގެ އިތުރުން އެކޮމިޝަނުގައި ދަތުރުކުރުމަށް ވެހިކަލެއް ނެތުމަކީ، ޓެކްސީ ހަރަދު އިތުރުވެ، ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުންތައް އިތުރުވާ ކަމަށެވެ. އެހެންވެ، އެކޮމިޝަނަށް އަމިއްލަ ވެހިކަލެއް ވަރަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"18 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮމިޝަނެއް އެކަމަކު މިހާތަނަށް ވެސް އަޅުގަނޑުމެންގެ އަމިއްލަ ދުއްވާ ވެހިކަލެއް ނޯވޭ. އަޅުގަނޑުމެންނަކީ ފުދޭވަރަކަށް ގިނަ ތަންތަނަށް މުވައްޒަފުން ދަތުރުކޮށް ހަދަންޖެހޭ ތަނެއް. އެންމެ ދުވަހެއް ވެސް ނުދާނެ ކަސްޓޯޑިއަލް އަކަށް ނޫނީ ޖަލަކަށް ނޫނީ ތަނަކަށް ވިޒިޓް ކުރަން ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބައެއް ހާލަތްތަކުގައި ހާއްސަކޮށް މަރު ކޭސްތަކުގައި ހާއްސަ ކިޓްތަކެއް އުފުލަން ޖެހޭ ކަމަށާއި އެ ހާލަތްތަކުގައި ވެސް ވެހިކަލެއް ވަރަށް މުހިއްމު ކަމަށެވެ. 

ރަމީލާ ވިދާޅުވީ، އެ ކޮމިޝަންގެ ސަދަން ބަރާންޗެއް އިންނަ އިރު ނޮދަން ބްރާންޗެއް ވުޖޫދަށް ގެންނަން ވެސް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އުތުުރު އަތޮޅުތަކުގެ ކޭސްތައް ކުރިއަށްދާ އިރު އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި މިކަން އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ކޮމިޝަނުން ވަނީ ބަޖެޓަށް އިތުރަށް 7.7 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.