ގާނޫނީ ދާއިރާގެ އިމްތިހާނުތައް މަތީތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑު" ބަޔާންކުރާ ގަވާއިދަށް މިދިޔަ ޖުލައި މަހު ބާ ކައުންސިލުން ގެނައި އިސްލާހުގައި ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް ދަރިވަރުން ކިޔަވާ މަރުކަޒަށް ހާޒިރުވެގެން ހަދަން ލާޒިމް ކަމަށެވެ. 

އެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައިވަނީ މިހާރު ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށެވެ. އަދި މަރުކަޒަކަށް ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ އުސޫލު ހަމައެކަނި އަލަށް ކޯސްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރަން ބާ ކައުންސިލަށް އެންގުމަށް ވެސް ކޮމެޓީން ނިންމި އެވެ. 

ބާ ކައުންސިލުން ގެނައި ބަދަލާމެދު ހިތްހަމަނުޖެހިގެން ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖާއި އެވިޑް ކޮލެޖްގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ ދަރިވަރުން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެ ކަމުގެ ސައްހަ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންވެ ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ "މަގުބޫލު އުންމީދުގެ ހައްގު" ގެއްލޭ ކަމެއް ކަމަށް އެ ޕެޓިޝަންގައިވެ އެވެ. 

އޮންލައިންކޮށް ފެށި ކޯހުގައި މަރުކަޒަކަށް ހާޒިރުވާން ޖެހޭ ގޮތަށް ހެދުމުން ބާކައުންސިލާ ދެކޮޅަށް ޕެޓިޝަނެއް
Mihaaru
އޮންލައިންކޮށް ފެށި ކޯހުގައި މަރުކަޒަކަށް ހާޒިރުވާން ޖެހޭ ގޮތަށް ހެދުމުން ބާކައުންސިލާ ދެކޮޅަށް ޕެޓިޝަނެއް
ގާނޫނީ ދާއިރާގެ ހުރިހާ އިމްތިހާނެއް މަތީތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވައިދަށް ގެނައި ބަދަލަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފި އެވެ.

ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބާ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ، މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް އެ މީހަކު ހުރި ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށެވެ.

ގަވާއިދަށް ގެނައި ބަދަލުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރަން އެންގިއިރު ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖާއި އެވިޑް ކޮލެޖްގައި ލޯ ޑިގްރީ އޮންލައިންކޮށް ކިޔަވައި، އިމްތިހާނު ހެދުމުގެ ފުރުސަތު އޮވެ އެވެ. އަދި މިފަހުން އިސްލާމިކް ޔުނިވާސިޓީން ވެސް ގެންދަނީ އޮންލައިންކޮށް ކިޔަން ފުރުސަތު ދެމުންނެވެ. ނަމަވެސް، އިމްތިހާނު ހަދަން ޖެހެނީ ހާޒިރުވެގެންނެވެ. 

މަޖިލީހުގެ ބައެއް މެންބަރުން ވެސް އޮންލައިން ކޯސްތަކުން ލޯ ޑިގްރީ ހާސިލުކުރަމުންދެ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ.