ހަތިޔާރު ބޭނުންކޮށްގެން ހުޅުމާލޭގައި މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 10:50 ހާއިރު ފުލުހުން އެ ސަރަހައްދަށްދިޔަ ކަމަށެވެ.

އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށް އޭނާ ހުރި ތަނާ ކައިރިން "ބަޔޮނެޓް" ވަޅިއެއްގެ އިތުރުން ކަޓަރެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވަޅި ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.


ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.