ގއ. ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލުގައި ދުއްވައި، ކަތިވަޅިއެއް ހިފައިގެން އުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއްގައި، ގެއެއްގެ ނަން ދައުލަތަށް އޮޅުމުގެ ސަބަބުން ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ. 

ޕީޖީ އޮފީހުން ބުނީ އެމީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނިންމީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހަތަރު ހެކިން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައި ވަނިކޮށް އަދި މައްސަލާގައި ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން ވެސް އެކަން އެނގެން އޮއްވާ ކަމަށެވެ. 

ކޯޓުގެ ނިންމުން ބިނާކުރި މައިގަނޑު އަސާސަކީ، ދައުވާ ފޯމުގައި ކުށުގެ އަމަލު ހިނގި ސަރަހައްދު ނުވަތަ ގޭގެ ނަން ބަޔާންކުރުމުގައި ކުށެއް ލިޔެވިފައިވުމުން ކަމަށާއި އަދި ފޯމުގައި ލިޔެވިފައިވާ އެ ކުށަކީ އިދާރީ އޮޅުމެއް ކަމަށްވާތީ ރަނގަޅު ގޮތަކީ ކޮބައިކަން އެ އޮފީހުން ޝަރީއަތުގެ މަޖިލީހުގައި ބަޔާންކޮށްދީފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި، މި މައްސަލާގައި ދައުވާކޮށްފައިވާ ކުށުގެ އަމަލު ފުރިހަމަވުމަށް ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ އާންމު ތަނެއްގައި އެފަދަ އަމަލެއް ހިންގި ކަމެވެ. އަދި އެކަންކުރީ ވަކި ހާއްސަ ތަނެއް ކައިރީގައި ކަމުގައި ވުމަކީ ދައުވާކޮށްފައިވާ ކުށުގެ އުންސުރެއް ނޫނެވެ.

ދައުވާ ފޯމުގައި އެފަދަ ކުށެއް ލިޔެވިފައި އޮތުމަކީ އޭގެ ސަބަބުން ދައުވާލިބޭ ފަރާތަށް ދައުވާ އޮޅިދާނެ ހާލަތެއްގައި މެނުވީ، އެ ދައުވާއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

އެހެންވެ، ޕީޖީން ބުނީ އެމީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ މުއުމިން ހަސަން އާއި އަލީ އިބްރާހީމް ކިޔާ މީހެއްގެ މައްޗަށެވެ. މުއުމިން ހަސަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. އަދި އަލީ އިބްރާހީމްގެ މައްޗަށް އުފުލީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އެވެ.

ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން، މެއި 2025 ވަނަ ދުވަހުގެ ރެއެއްގެ 8:00 އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި ނިލަންދޫ "މޯނިން ހައުސް" ކިޔާ ގޭގެ ކައިރީގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެ ދެ މީހުން ވަނީ ސައިކަލުގައި ދުއްވައި، އަޑުގަދަކޮށް، އެ ގޭގެ ކައިރީގައި ތިބި މީހުންނަށް ބިރުދައްކައި އިންޒާރުދީފަ އެވެ. އަދި އޭރު ސައިކަލު ދުއްވަން އިނީ އަލީ އިބްރާހީމް ކަމަށާއި ފަހަތުގައި އިން މުއުމިން ހަސަންގެ އަތުގައި ކަތިވަޅިއެއް އޮތް ކަމަށް ދައުވާގައިވެ އެވެ.

ނަމަވެސް، ޝަރީއަތުގެ މަރުހަލާ ފެށިގެން އިބްތިދާއީ ބަޔާން ހުށަހެޅުމަށް ލިބުނު ފުރުސަތުގައި ދައުވާލިބޭ ދެ މީހުން ވެސް ފާހަގަކުރީ، ދައުލަތުގެ ދައުވާގައި ބުނާ "މޯނިން ހައުސް" ކިޔާ ގެއެއް ނިލަންދޫގައި ނުހުންނަ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހަތަރު ހެކިން ހެކިބަސް ދެމުން ބުނެފައިވަނީ އެ ހާދިސާ ހިނގީ ގއ. ނިލަންދޫ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ. އަދި ހެކިބަސް ނަގަން ފެށިފަހުން، ދައުވާ ފޯމުގައި "މޯނިން ހައުސް" ކަމަށް ލިޔެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށާއި އަދި ރަނގަޅު ގޮތަކީ "މޯނިން ސަން" ކަމަށް ދައުލަތުން ވެސް ޝަރީއަތުގައި ބުނެފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ދައުލަތުން ވަކާލާތުކުރި އެވެ.

ނަމަވެސް، އެ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހައްމާދު ވާފިރު ކުރެއްވި ހުކުމުގައިވަނީ އިބްތިދާއީ އަޑުއެހުންތައް ނިމި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު، ދައުވާ އެ މައްޗަށް ބިނާވެފައިވާ މައިގަނޑު ކަންކަން ބަދަލުކޮށް، ދައުވާ ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ދެވޭކަށް ނެތް ކަމަށެވެ.