އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އދ. ދިގުރަށުގައި ބެހެއްޓި ވޯޓުފޮށި ނަގައިގެން ގެންގޮސް ގޮނޑުދޮށަށް މިރޭ އެއްލާލައިފި އެވެ.
އެނގިފައިވާ ގޮތުގައި، އެރަށު ސްކޫލް ހޯލުގައި އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަނިކޮށް މީހަކު ވަނީ ވޯޓުފޮށި ފޮރުވައިފަ އެވެ. އަދި އެ ފޮށި ފަހުން ފެނުނީ އެ ރަށު ބަނދަރު ސަރަހައްދުން ގޮނޑުދޮށާ ކައިރިއަށް އެއްލާލައިފައި އޮއްވަ އެވެ.
ދިގުރަށުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެކަންކުރީ އެ ރަށަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.
އެ މީހާ ވޯޓުފޮށި ނައިގެން ދުވެފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ބަހެއް އަދި ނުލިބެ އެވެ.
މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބު 900 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވި އެވެ. އަދި މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދިޔަ ވޯޓުލުން މިރޭ 9:00 ގައި ނިމިފައިވާއިރު، ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އަތޮޅު އަދި ސިޓީތަކުގެ އިތުރުން ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީން އަދި ޕާޓީގެ ގުނަވަންތައް ކަމަށްވާ ޔޫތު ވިންގާއި އަންހެނުންގެ ރޫހުގެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ވޯޓުލުން ފެށީ މިއަދު މެންދުރު ފަހު 2:30 ގަ އެވެ.
އެ އިންތިހާބުގައި 448 މަގާމަކަށް 979 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެމްޑީޕީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލެއިންނެވެ. އަދި ގައުމީ މަޖިލީހުގެ މާލެ ސިޓީގެ 111 މަގާމަކަށް 209 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔައީ ވެސް ވަރަށް ފޯރިގަދަކޮށެވެ. މައިގަނޑު ގޮތެއްގައި ކެމްޕެއިނުގެ ހަރަކާތްތައް ވެސް އޮތީ ދެ ޓީމަކަށް ބެހިފަ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތާއިދާ އެކު ނުކުންނަ "ޓީމު އެމްޑީޕީ" އާއި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސީ ކެންޑިޑެންސީއަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ތާއިދާއެކު ނުކުންނަ "ބޮޑު ބަދަލު" ޓީމެވެ.