އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް، ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން މިރޭ ނިންމަވައިފި އެވެ.

ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތެއްގައި، މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބުގައި ހެންވޭރު އުތުރަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހަމްޒާ ހަސަން ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޑީއާރުޕީގެ ކެންޑިޑޭޓް މުހައްމަދު ފިޝާވީން އަށް ތާއީދު ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވައިފަ އެވެ.

ހެންވޭރު އުތުރު ދާއިރާ އަށް އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ކެންޑިޑޭޓަކު ވާދައެއް ނުކުރެ އެވެ. އަދި އެ ދާއިރާ އަށް އަމިއްލަ ކެންޑިޑޭޓަކު ވެސް ނުނިކުމެ އެވެ.

ސަރުކާރުގެ ކެންޑިޑޭޓް ފިޝާވީން އަށް ތާއީދު ކުރައްވަން އެމްޑީޕީގެ ކެންޑިޑޭޓް ހަމްޒާ ނިންމެވި ނަމަވެސް އޭނާގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ އެވެ. ސަބަބަކީ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކޮށްފައި އޮތުމެވެ.