މާލޭގެ މޭޔަރު ކަމަށް މުއިއްޒާއި އަފްޝަން އަދި އަލްހާން ކުރިމަތިލައްވަނީ

މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަ ކުރައްވަން ނިންމަވައިފި އެވެ.


އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މި ތިން ބޭފުޅުން ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް އަދި ރަސްމީކޮށް ހުޅުވައެއް ނުލަ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، މުއިއްޒު މޭޔަރަކަށް ކުރިމަތިލައްވާ ކަން ރޭ އިއުލާން ކުރެއްވީ އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ އަށް ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ. އެ ބަދަލު ގެނެވެން އޮތީ "މާލެ މުއިއްޒު"ކޮށްގެން ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ހަދައިގެން ވެސް މި އަންނަ އިންތިޚާބުގައި އެބަޖެހޭ މާލެ މުއިއްޒު ކުރަން. އަޅުގަނޑު މިރޭ އިއުލާންކުރަން ޑރ. މުހައްމަދު މުއިއްޒު އަންނަ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަ ކުރައްވާނެ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

"މުއިއްޒު ކުރުމަކީ" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން މުއިއްޒަށް އަމާޒުކޮށް ބޭންކުރަން ފެށި ބަހެކެވެ. އެއީ އެ ސަރުކާރުން ހިންގާ ބައެއް މަސައްކަތްތައް ދޯދިޔާވުމާއި ނިންމާ ބައެއް ކަންކަން ދެވަނަ ފަހަރަށް ކުރަން ޖެހުމުން މުއިއްޒު އަށް އަމާޒުކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކިޔަން ފެށި ބަހެކެވެ.

ކައުންސިލްތައް ބާރުވެރި ކުރުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރެއްވި އިސްލާހުތަކަށް ތާއީދުކުރައްވައި އަފްޝަން ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އަފްޝަންގެ ޓުވީޓް.

"އަޅުގަނޑުގެ އުއްމީދަކީ މާލޭ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއި ހިތްހަމަޖެހުމާއި ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށްދީ ޖަޒީރާ ރާއްޖެ އާއި އެޖެންޑާ 19ގެ ސިޔާސަތުގެ ތެރެއިން ދުރު ރާސްތާ އަށް އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުން،" އަފްޝަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އަލްހާންގެ ޓުވީޓް.

މޭޔަރު ކަމަށް ނުކުންނަވާ ކަން އިއުލާން ކުރައްވައި އަލްހާން ވަނީ އޭނާ އަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރެއްގެ ގޮތުގައި މިހާރު ހުންނެވީ ކުރީގެ ޕްރިންސިޕަލް އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ޝިފާ މުހައްމަދެވެ. އޭނާ ކުރިމަތިލައްވާ ކަން ނުވަތަ ނޫން ކަމެއް އަދި އިއުލާން ނުކުރައްވަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.