ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލިހުން ފާސްކޮށްފި

މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީ ނިންމި ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ސިޓީ ކައުންސިލަރުންގެ މުސާރަ އަށް ގެނައި ބަދަލާއެކު މޭޔަރުންގެ މުސާރަ އަކަށް ވާނީ 30،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި ދޭ 10،000ރ. އާ އެކު ޖުމްލަ 40،000ރ. މޭޔަރުންނަށް ލިބޭނެ އެވެ.

ޑެޕިއުޓީ މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 35،000ރ. އެވެ. އެއީ މުސާރައިގެ ގޮތުގައި 27،000ރ. އާއި 8،000ރ. ގެ ލިވިން އެލަވަންސެކެވެ.

ސިޓީ ކައުންސިލް މެމްބަރަކަށް މުސާރައިގެ ގޮތުގައި މަހަކު 24،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ލިވިން އެލަވަންސަށް ދޭ 6،000ރ. އާ އެކު ޖުމުލަ 30،000ރ. ކައުންސިލް މެމްބަރުންނަށް ލިބޭނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ކުޑަކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ.

މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޑެޕިއުޓީ މޭޔަރުންގެ މުސާރަ އަކީ 35،000ރ. އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބިވަޑައިގަންނަވަ އެވެ.

ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމީ، ސިޓީ ކައުންސިލްތަކުގެ އަތުން ނެގި ބާރުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އަލުން އިއާދަކޮށް ދެއްވާފައި ވަނިކޮށެވެ. ޔާމީންގެ ސަރުކާރުން އެ ބާރުތައް ނެގީ ސިޓީ ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބުނެ އެވެ.