ޔާމީންގެ މަރުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

މި ދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް އިތުރު ކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގައި ރޭ ފަތިހު ހައްޔަރު ކުރީ، އެ ރޭ ޔާމީނަށް ފާރަލައި އޭނާގެ ހަރަކާތްތައް ބަލަން އުޅުނު މީހެކެވެ. އުމުރުން 18 އަހަރުގެ އެ މީހާ އަކީ ޔާމީން ދިރިއުޅުނު ގެއާ ކައިރި އެހެން ގެއެއްގައި އުޅުނު މީހެކެވެ.

ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މި މީހާ ހައްޔަރުކުރިއިރު، އޭނާ މާލޭގައި ދިރިއުޅޭ ގެ މިއަދު ހެނދުނު ފުލުހުން ވަނީ ފާސްކޮށްފަ އެވެ.

ޔާމީން ރަޝީދު: އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ވަނީ މިއަދު ހައްޔަރުކޮށްފައި.

ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި އާއި ލިފްޓު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.

ޔާމީންގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބޭއްވި ނިއުސް ބްރީފިންގައި ބުނެފައިވަނީ ޔާމީން މަރައިލުމުގައި ބައިވެރިވި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް ފަހުން އޭނާގެ އާއިލާ އަށް އަންގާފައިވަނީ އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއް އަދި ބްލޮގާއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޔާމީން މަރައިލި އިރު، މީގެ ދެތިން އަހަރު ކުރިން ފެށިގެން ބަޔަކު އަންނަނީ އޭނާ އަށް މަރުގެ އިންޒާރު ދެމުންނެވެ. އެ މައްސަލައިގައި ބައެއް މީހުން ފުލުސް އޮފީހަށް ހާޒިރު ކޮށް ސުވާލު ވެސް ކުރި އެވެ.