ހިތަދޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެނީ

އައްޑޫ ހިތަދޫގައި ރޭ ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ކޯރާޑިއަކުން ހަމަލާދީ ޒަހަމްކޮށްލި 15 އަހަރުގެ ފިރިހެން ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން މިއަދު ބުނެފި އެވެ.


އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބް ވިދާޅުވީ ފަރުވާ ދެމުން އަންނަ ކުއްޖާ، އިތުރު ފަރުވާ އަށް މާލެ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޖާގައެއް ހަމަޖެހުނުހާ އަވަހަކަށް މާލެ ފޮނުވާލަން މަސައްކަތް ކުރަމުން މި އަންނަނީ. މި ވަގުތު އޭނާގެ ހާލަތު ސްޓެބަލް. ހޮސްޕިޓަލަށް ގެނައި ފަހުން ފިޓް ވެސް ޖެހިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

"ބޮލަށް އެބަ ހުރި ފުން ޒަހަމްތަކެއް ލިބިފައި."

ހަތަރު ވަރަަކަށް މީހުން ހިމެނޭ ގްރޫޕަކުން ރޭ 10:30 އެހާކަށްހާ އިރު ހިންގި މާރާމާރީގައި ކޯރާޑީއަކުން ހަމަލާ ދިނުމުގެ ސަބަބުން އެ ކުއްޖާގެ ބޮލަށާއި ލޯ ކައިރި ޒަހަމްވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެއީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގެ ދަރިވަރެކެވެ. އަދި އޭނާ އަށް ހަމަލާ ދިނީ ގޭ ކައިރީގައި ރޭ ކުޅެން އުޅެނިކޮށް ކަމަށް ވެ އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.