އައްޑޫގެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ހިތަދޫގައި، ރޭ ފަތިހު ތޫނު އެއްޗަކުން އިންޑިއާގެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ތިން މީހަކު މިރޭ ހައްުޔަރުކޮށްފި އެވެ.


ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ އިރާކޮޅު ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ދެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ބިދޭސީ މީހާގެ މޫނަށާއި ބޮލަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ރޭ ފަތިހު 4:00 ހާއިރު ބަޔަކު ހަމަލާ ދީފައި ވަނީ ހިތަދޫގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އިންޑިއާގެ ފިރިހެނަކަށެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ ބައިސްކަލެއްގައި އެ ރަށުން ބޮޑުމަގުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.