މަހްލޫފްގެ އިސްތިއުނާފް ޝަރީއަތް މި މަހު ފަށަން ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި ހަ މަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މި މަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.


ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ ހަ މަހުގެ ޖަލު ހުކުމަކާއި ހަތަރު މަހާއި 24 ދުވަހުގެ އިތުރު ޖަލު ހުކުމެއް އައިސްފައިވާ މަހްލޫފް މިހާރު ވަނީ ހަ މަހުގެ ޖަލު ހުކުމް ތަންފީޒުކުރައްވައި ނިންމަވައިފަ އެވެ. މިހާރު އޭނާ ތަންފީޒު ކުރައްވަމުން ގެންދަވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އަންނަ މަހު ތަންފީޒުކޮށް ނިމޭނެ އެވެ.

އެ ދެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅިޔަސް އެއިން އެއްވެސް މައްސަލައެއްގެ އިސްތިއުނާފް ޝަރީއަތް ނުފަށާ އޮތުމަށް ފަހު ހަ މަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މަހްލޫފަށް ހަ މަހުގެ ޖަލު ހުކުމް އިއްވީ މާޗް، 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް މައްސަލައިގަ އެވެ. ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އައީ ފުލުހުންގެ ބަންދުގައި އޭނާ ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން އުޅުނު މައްސަލައެއްގަ އެވެ.

އެ ދެ ހުކުމާ އެކު މަހްލޫފް މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް އޭނާ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އޭނާ އަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވެ އެވެ.