މަހްލޫފްގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދޭން އޭނާގެ ފަރާތުން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ހަ މަހުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދޭން މަހްލޫފްގެ ފަރާތުން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.


އެހެން މައްސަލައެއްގައި އިއްވާފައިވާ ހަތަރު މަހުގެ ހުކުމަކާ އެކު ޖުމްލަ 10 މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަހްލޫފްގެ ފަރާތުން އޭނާގެ ވަކީލް ހައި ކޯޓު އިސް ފަނޑިޔާރު އަބްދުﷲ ދީދީއަށް ފޮނުވި ސިޓީއެއްގައިވަނީ އެ މައްސަލައިގެ ޝަރީއަތް އަވަސްކޮށް، ވީހާ ވެސް އަވަހަށް ހުކުމް އިއްވައި ދިނުމަށެވެ.

ސަބަބެއް ކަމަށް އެެ ސިޓީގައި ބުނެފައިވަނީ މަހްލޫފަކީ މަޖިލީހުގެ މެމްބަރަކަށް ވެފައި އޭނާ ޖަލުގައި ހުންނެވުމުން އޭނާގެ ގާނޫނީ ޒިންމާ އަދާ ނުކުރެވުމާއި މިވަގުތު މަހްލޫފް ތަންފީޒު ކުރަމުންދަނީ އޭނާއަށް ފުރަތަމަ އިއްވި ހަތަރު މަހުގެ ޖަލު ހުކުމް ކަމަށްވެފައި، ހަ މަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލަ މަހްލޫފާ އެއްކޮޅަށް ނިމިއްޖެ ނަމަ އެ ހުކުމް އޭނާ ތަންފީޒު ކުރަން ނުޖެހޭނެތީ ކަމަށް އެ ސިޓީގައިވެ އެވެ.

މަހްލޫފަށް ހަ މަހުގެ ޖަލު ހުކުމް އިއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތްކަން ސާބިތުވުމުންނެވެ. ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އޭނާއަށް އައީ އެ މައްސަލާގައި ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން އުޅުނު ކަން ސާބިތުވުމުންނެވެ.

އެ ދެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު އެ ދެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އަދިއެއް ނުފަށަ އެވެ.

އެ ދެ ހުކުމާ އެކު މަހްލޫފްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރެއް ނުވެވޭނެ އެވެ. މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ.