ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަހަށް ޖަލަށް ލާން ކުރި ހުކުމް ތަންފީޒުކޮށް ނިމުނުތާ ހަތަރު މަސް ފަހުން އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ މަހްލޫފް ހަ މަހަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ބުރާސްފަތި ދުވަހު އިއްވާއިރު، މިދިޔަ ޖެނުއަރީ މަހު އެ ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ އެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ގެންދަވާ ހަތަރު މަހުގެ ޖަލު ހުކުމް އަންނަ އަންނަ ހުކުރު ދުވަހު ނިމި މިނިވަން ވާނެ އެވެ.
މަހްލޫފަށް ހަ މަހުގެ ޖަލު ހުކުމް އިއްވީ މާޗް، 2015 ގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވި ކަން ސާބިތުވެގެންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން މަހްލޫފުގެ ފަރާތުން ހުށަހެޅުއްވުމުން އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ފެށީ ވެސް އެ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން މިދިޔަ މަހު އެވެ.
މިހާރު މަހްލޫފް ތަންފީޒު ކުރަމުން ގެންދަވަނީ ފުލުހުންގެ ބަންދުގައި ހުއްޓާ ފިއްލަވަން އުޅުއްވި ކަން ސާބިތުވެގެން އައިސްފައިވާ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެވެ.