ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބައްދަލު ކުރައްވައިފި އެވެ.

މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅަކު ނަޝީދާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ޔުމްނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ޔުމްނާ ބައިވެރިވެވަޑައިގަތީ މައުމޫންގެ ފަރާތްޕުޅުންނެވެ.

ޔުމްނާގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އާއި ޖުމްހޫރީ ޕާޓީން ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދާއި އެމްޑީޕީން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ އޮފިޝަލަކު ވިދާޅުވީ ނަޝީދާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ހާއްސަކޮށް، ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއާ ގުޅޭ މަޝްވަރާތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިދިކޮޅޫ ހަރަކާތްތައް ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.