ކައުންސިލް އިންތިހާބުން ބަލިވިކަން ނިހާން ގަބޫލު ކުރައްވައިފި

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ޕީޕީއެމަށް ގެއްލި، އެ ޕާޓީ އަށް ނާކާމިޔާބުވިކަން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ގަބޫލު ކުރައްވައިފި އެވެ.


އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމު ކުރަން ފެށުމާއެކު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމަށް ކައުންސިލް ގޮނޑިތަކުގެ މެޖޯރިޓީ ނުލިބުނު ސަބަބުތައް ދެނެގަނެ، އެ ކަންކަން އިސްލާހު ކުރުމުން ކާމިޔާބު ލިބޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބު ނިމި، މީޑިއާތަކުން ނަތީޖާ އާއްމު ކުރަން ފެށުމާ އެކު ޕީޕީއެމުން ބުނެފައިވަނީ ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ސަރުކާރު ކޯލިޝަނުން ކާމިޔާބު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ/ޑީއާރުޕީ ކޯލިޝަނަށް "ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް" ކަމަށް ވިދާޅުވެފައި ވެ އެވެ. އެކަމަކު އޭރު ގިނަ ފޮށިތައް އަދި ގުނާ ނުނިމެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ނިހާން ތަމްސީލު ކުރައްވާ ވިލިމާލެ ދާއިރާއާ އެކު ސިޓީ ކައުންސިލްތަކުގެ ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އިންތިހާބުގެ މެޖޯރިޓީ ވެސް ހޯދީ އެ ޕާޓީންނެވެ. ސިޓީ ކައުންސިލްތަކުގެ 23 ގޮނޑިން ޕީޕީއެމަށް ލިބުނީ އެންމެ ގޮނޑިއެކެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިންތިހާބަކީ ސެމީ ފައިނަލް ކަމަށާއި ފައިނަލަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށެވެ. އަދި މި ބުރުގެ ފައިނަލް މެޗު އޮންނާނީ 2018 ވަނަ އަހަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނު ވަނީ ހެދުނު ގޯސްތައް ރަނގަޅުކޮށް، ތައްޔާރުވުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ހަކަތަ އާއި ހިއްވަރު ޕީޕީއެމް މެމްބަރުންގެ އެބަހުރި ކަމަށެވެ. އަދި ﷲގެ އިރާދަފުޅުން އިންތިހާބު ކާމިޔާބު ކުރާނީ ފުރަތަމަ ބުރުން ކަމަށް ނިހާން ވިދާޅުވި އެވެ.

މާލެ އާއި އައްޑޫ ފަދަ އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ޕީޕީއެމަށް ވޯޓު ލިބުނު މިންވަރު މަދުކަން ފާހަގަކޮށް، ޕީޕީއެމުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ މަދު އަދަދެއްގެ ބަޔަކު ވޯޓު ލާން ނުކުތް ސަބަބުތައް ދެނެގަނެ، އާންމުން ހޭލުންތެރިކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މި އިންތިހާބުގެ ވޯޓު ފޮށިތައް ގުނަމުން ދިޔަ އިރު، އިދިކޮޅު އެމްޑީޕީން ސިޓީ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދިކަން ޔަގީންވުމުން ނިހާން ވަނީ ކާމިޔާބު ހޯދި ފަރާތްތަކަށް މަރުހަބާ ދަންނަވައި ވިލިމާލޭ ދާއިރާ އިން ޕީޕީއެމް ބަލިވިކަން ގަބޫލުކުރައްވައިފަ އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްތަކުން ރައްޔިތުންނަށް އެދެވޭ ހިދުމަތްތަކެއް ނުދިނުމުން އެކަމާ ފޫހިވެގެން ވޯޓުލުމަށް ނުދިޔަ ބަޔަކު ވެސް އެބަތިބި ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި އެ ކަންކަމުގެ ސަބަބު ހޯދުމަށް "އަޅުގަނޑުމެން އޭގެ އޮޓޮޕްސީއެއް ހަދާނަން" ކަމަށް ނިހާނު ވިދާޅުވި އެވެ.