ޓްްވީޓުތައް ކުރަނީ އެމްޑީޕީގެ މީހުން "ގުއި ރޯނުގައި" ޖައްސަން: ނިހާން

އެކި ފާޑުފާޑުގެ ސިޔާސީ ޓްވީޓްތައް ކުރަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ހާވިޔާކޮށްލުމަށް ކަމަށާއި ބޭނުމަކީ ސިޔާސީ ގޮތުން "ގުއި ރޯނުގައި" ޖެއްސުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނިހާން ވިދާޅުވީ އޭނާ ކުރައްވާ ޓްވީޓްތައް މާނަ ކުރާނެ ގޮތެއް ނެތިގެން "ބޮލަށް ފިތިފައިވާ ތާވަޅަތަކެއްހެން" މީހުން އެބުރޭނެ ކަމަށެވެ. އަދި މިއީ އެމްޑީޕީ މެމްބަރުން ހާވިޔާކޮށްލުމަށް އޭނާ އާއްމުކޮށް ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރުދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމަށް ކުރިމަތިވި ނާކާމިޔާބާ ގުޅޭގޮތުން ނިހާން ކުރެއްވި ޓްވީޓެއްގެ ސަބަބުން މީހުންގެ ފާޑުކިޔުން އޭނާ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

އެގޮތުން އެއީ ކުޅިވަރު މުބާރާތެއްގެ ސެމީ ފައިނަލާއި ފައިނަލްގެ ގޮތުގައި މިސާލު ނަންގަވައިގެން އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކައުންސިލް އިންތިޚާބަކީ ސެމީ ފައިނަލް މެޗް ކަމަށާއި 2018ގެ ރިޔާސީ އިންތިޚާބަކީ ފައިނަލް މެޗް ކަމަށެވެ. އެކަމަކު ސެމީ ފައިނަލުން ކެޓި ބަޔަކު، ފައިނަލްގައި ކުޅޭނެ ގޮތަކާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ސޯޝަލް މީޑިއާ ހިލުވައިލި އެވެ.

ނަމަވެސް ފަހުން ޓީވީއެމްގައި ރޭ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަނީ ފައިނަލް މެޗުގައި ޕީޕީއެމް މޮޅުވާނެ ފޯމިއުލާ ފެންނަން އޮތްކަމާއި އެއީ 2018ގެ ރިޔާސީ އިންތިހާބުކުރަން، ފައިނަލްގައި ކުޅެން އޮތީ ޑިސްކޮލިފައި ވެފައި އޮތް ޓީމަކާއެކު ކަމަށް ވިދާޅުވެފަ އެވެ.

ނިހާން މިރޭ ވިދާޅުވީ ފައިނަލަށް ދާނެ ގޮތް ""ބަންޑާރަ ބޮޑު ޓީވީގައި ބަންޑާރަ ބޮޑު މިނިސްޓަރު" ވިދާޅުވެދެއްވި ކަމަށާއި އެވަރުން ވެސް އެނގޭ ބަަޔަކު ނުޅޭ ކަމަށެވެ.

"މިއީ އަޅުގަނޑު އާއްމުކޮށް ކުރާކަމެއް. އެމްޑީޕީ މެމްބަރުން ހާވިޔާކޮށްލަން ކޮންމެވެސް ޓްވީޓެއްކޮށްލުން. ހަމަ ކޮށްލުމާއެކު ގުއި ރޯނުގައި ޖެހޭނެ،" ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އިން މިހާތަނަށް ޖަގަހަ ހިންގި ތަނުގައި ހުޅުވި ޕީޕީއެމްގެ ކޯލިޝަންގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނީ އޭނާ އެހެން ކުރައްވާ ޓްވީޓުތަކުން "ބޮލަށް ފިތިފައިވާ ތާވަޅައެއްހެން ދެވޭ ނުދެވޭ ތަނެއް ނޭނގި އެނބުރި އެނބުރި ތިއްބަ" އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ: ޓްވީޓްތައް ކުރައްވަނީ މީހުން "ގުއި ރޯނުގައި" ޖެއްސުމަށް ކަމަށް ވިދާޅުވި-- މިހާރު ފޮޓޯ

އިންތިހާބަަކީ މުބާރާތެއް ނަމަ މިހާތަނަށް ކުރިއަށް ގެންދިޔަ ގިނަ މުބާރާތްތައް ސަރުކާރުން ކާމިޔާބުކޮށްފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އެގޮތުން 2014 ވަނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ހަމަ އެ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ހޯދީ ވެސް ސަރުކާރު ކޯލިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މިދިޔަ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވުން އޭނާ ސިފަކުރެއްވީ "ފެން ދީފައި ކަތިލުން" ގޮތުގަ އެވެ.

ނިހާން ވިދާޅުވީ އެ އިންތިހާބު ނާކާމިޔާބުވީ ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ފަތުއަޑު ކިޔާފައި ޕީޕީއެމް ކޯލިޝަނުން ފެށީ 12 ވަނަ ގިޔަރުގައި ނިންމާލާ ގޮތަށް ކަމަށެވެ.

"މި ޓީމުގައި ހިތްވަރާއި ހަކަތަ އެބަހުރި. ގޯހެއް ހެދިއްޖެ ނަމަ ރަނގަޅު ކުރާނެ ފަންޑިތައަކާއި ބޭސްވެރިކަން އެބަހުރި،" ކުރިއަށް އޮތް ފަސް ދުވަހު، ކޮންމެ ރެއަކު ވެސް ޕީޕީއެމް ކޯލިޝަންގެ ޖަގަހައިގައި ހަރަކާތްތައް ކުރިއަށް ގެންދާނެކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވި އެވެ.

އޭނާ ވަނީ ޕީޕީއެމް އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރައްވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނިހާން ވިދާޅުވީ މާޒީގައި އޮޅުވައިލި މީހުންނާއި ގުނބޯ ހެއްދި މީހުންނާއި ހުތުރު އެއްޗެހި ކިޔުއްވި މީހުންނަށް ސަމާލުވާން ޖެހޭ ކަމަށެވެ. ސިޔާސީ މައިދާނުގައި އޭނާ ހޭދަ ކުރެއްވި 12 ވަރަކަށް އަހަރުގެ ތެރޭގައި އެއެއް މިއެއް ނުބަލައި ދެއްކި ވާހަކަތަކުގެ ނަތީޖާ އަށް މިއަދު ބަލާލާއިރު ފެންނަނީ "އެއްކަލަ ދެބޭފުޅުން އެއް ދިމާލެއްގައި ތެލާއި ފެނާ އެކުވެގެން އެއް ކަމެއް ނިންމަން ތިއްބާ" ކަމަށް ވިދާޅުވި އެވެ. އަދި މިއީ އެ ބޭފުޅުން އަމިއްލަ ކަމެއް ހާސިލް ކުރަން ބޭނުން ވެއްޖެ ނަމަ، "އަޅުގަނޑުމެން ބޭނުންކޮށްލާފައި، އާދައިގެ ޓިޝޫ ޕޭޕަަރަކުން ތުންފޮހެލާފައި އެއްލާލާ ބީދައިން އެއްލާލުން" ކަމަށް ވެސް ނިހާން ސިފަ ކުރެއްވި އެވެ.

"އެކަމަކު އަޅުގަނޑުމެން ދެން އެ ގުއި ރޯނަކު ނުޖެހޭނަން. މިއަދުގެ ރައީސް ވެސް އަޅުގަނޑުމެން އެ ގުއި ރޯނަކު ނުޖައްސާނަން،" ނިހާން ވިދާޅުވި އެވެ.