މާލޭ ސިޓީ ކައުންސިލްގެ މުސާރަ އާއި ބާރުތައް އިޔާދަކުރާނަން: ނިހާނު

މާލެ ސިޓީ ކައުންސިލަރުންގެ މުސާރަ އާއި ބައެއް ބާރުތައް އަލުން އިޔާދަ ކުރާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ރޭގައި ވިދާޅުވެއްޖެ އެވެ.


އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ސަރުކާރުގެ ކޯލިޝަނުން ނުކުންނަ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ބޭއްވި ޖަލްސާގައި ނިހާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނުން މާލެ ސިޓީ ކައުންސިލަށް ލިބިދީފައި އޮތް ބާރުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަތުލީ މާލެ ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެގެން ކަމަށެވެ. އޭގެ ނަތީޖާ މާލޭގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދެ ފަހަރެއްގެ މަތިން އެމްޑީޕީ އަށް ދިންއިރު، މާލޭގެ ތަރައްގީ އަށް ސިޓީ ކައުންސިލުން ކުރި އެއްވެސް ކަމެއް ނެތް ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

"އެމްޑީޕީ ސަރުކާރާއި މާލެ ސިޓީ ކައުންސިލްގައި މިހާރު ހިމެނޭ ބައެއް ކައުންސިލަރުން އެއްވެސް ލަދު ހަޔާތުގެ ކަންފުޅެއް ހުރިނަމަ، ރައްޔިތުންގެ ކުރިމައްޗަށް ނުނިކުންނަވާނެ،" މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު ބަލާ ޕްލެޓްފޯމްގައި ބޭއްވި ބައްދަލުވުމުގައި ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ތަރައްގީ އަށް މަސައްކަތް ކުރީ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީންނެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުކޮށްފިނަމަ، ކައުންސިލްގެ ބާރުތައް އަލުން އިޔާދަކޮށް ދޭނެ ކަމަށް ނިހާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަގާފައި ހުރި ބާރުތަކުގެ ތެރެއިން ސަރުކާރަށް މުހިންމު ބާރުތަކާއެކުގައި އަޅުގަނޑުމެން ގުޅާލާ މިންވަރަކުން އެ ބާރުތައް ދޫކޮށްލާނަން،" މާލޭގައި ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކުން މިސާލު ނަންގަވަމުން ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކަނޑާ ތިރިކޮށްފައި" ވާ ކައުންސިލް މެމްބަރުންގެ މުސާރަތައް އިޔާދަކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލަށް ލިބޭ ބާރުތަކާއި ދޭ ހިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސް ކުރީ 2015 ގަ އެވެ. އޭރު ގާނޫނަށް އިސްލާހު ގެނައީ ގާނޫނު އޮތް ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ އެވެ.

ގާނޫނުގެ ދަށުން މާލޭގެ މަގުތައް ބެލެހެއްޓުމާއި ކައުންސިލްގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓާއި އެންވަޔަރުމެންޓް ޑިޕާޓްމަންޓާއި ހާބާ މެނޭޖްމަންޓް ގުޅިގެން ހިންގަމުން ދިޔަ މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މީގެ އިތުރުން ޕާކްތަކާއި މައިދާންތަކާއި ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމާއި ޕާކްތަކާއި މައިދާންތައް ދިއްލައި އަލިކުރުމާއި މާރުކޭޓުތައް ބެލެހެއްޓުމާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ގަބުރުސްތާނު ފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ މިނިސްޓްރީންނެވެ.

ހަމައެއާކު، މަޖިލީހުން ވަނީ ސިޓީ ކައުންސިލްގެ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ދަށްކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ.

މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން ސިޓީ ކައުންސިލްގެ މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބޭއިރު، ޑެޕިއުޓީ މޭޔަރުންނަށް 35،000ރ. ލިބެ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބެ އެވެ.