ކުރިނބީގެ ވޯޓުފޮށި އަލުން ގުނުމުން ކާމިޔާބުވީ އެމްޑީޕީ އަށް

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހދ. ކުރިނބީ ކައުންސިލަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެ ވޯޓު އަލުން ގުނުމުން، އެ މަގާމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހޮވިއްޖެ އެވެ.


ކުރިނބީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ދެ ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، ވޯޓު އަލުން ގުނައިގެން ކުރި ހޯއްދެވީ މުހައްމަދު ޝާފީ އެވެ. އޭނާ ހޮވުނީ ވޯޓު އެއްވަރުމުން، އިންތިޚާބު އަލުން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ވޯޓުތައް މިއަދު ގުނުމުންނެވެ.

އެ ކޮމިޝަނުން އިއްޔެ ބުނެފައި ވަނީ ކުރިނބީ ކައުންސިލްގެ ތިން ކެންޑިޑޭޓަކަށް ލިބުނު ވޯޓު އެއްވަރުވުމުން، އެ ދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި އިންތިޚާބުގައި ކުރިނބީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ދެން ކުރިމަތިލެއްވީ ޝާފީގެ އިތުރުން، އެ ކައުންސިލްގެ މިހާރުގެ ރައީސް އަހުމަދު މުޖުތަބާ އެވެ. ވެރިކަން ކުރާ ޕީޕީއެމުން ތިން ކެންޑިޑޭޓަކު ކުރިމަތިލެއްވިއިރު، ވޯޓު އެއްވަރުވީ އޭގެ ތެރެއިން އިސްމާއީލް އާސިފްގެ އެވެ. އެ ތިން ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވީ ކޮންމެ ބޭފުޅަކަށް ވެސް 218 ވޯޓު ލިބިވަޑައިގެންފައިވާތީ އެވެ.

އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކުރިނބީގެ ކައުންސިލްގެ އިންތިޚާބުގެ ވޯޓު ކަރުދާސް އަލުން ގުނީ، އެ ރަށުގައި ބަހައްޓާފައިވާ ވޯޓު ފޮށިން އެމްޑީޕީގެ ކެންޑިޑޭޓް ޝާފީ އަށް ދީފައިވާ ވޯޓެއް، އެއީ ބާތިލް ވޯޓެއްގެ ގޮތުގައި ގުނާފައިވާ ކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ. އެެއީ ބާތިލް ވޯޓެއްގެ ގޮތުގައި ގުނާފައި ވަނީ، ފާހަގަ އަށް އަރާ ގޮތަށް ރޮނގުކޮޅެއް ހުރުމުން ކަމަށް ބުނެ އެވެ.

އެހެންވެ، އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ވޯޓު އަލުން ގުނިއިރު، ޝާފީ އަށް އެއްވޯޓު އިތުރަށް ލިބި، އޭނާ ކުރިނބީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ އެވެ.

ކުރިނބީ ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރާއިރު، ގޮނޑި ލިބުނުކަން ކުރިން ކަށަވަރުވެފައި ވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓަކަށެވެ. އޭގެ ތެރެއިން އަބްދުލް ފައްތާހު އަބޫބަކުރަށް 242 ވޯޓު ލިބިވަޑައިގެންފައިވާއިރު، ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ މުހައްމަދު އަފްރާހް އެވެ. އޭނާ އަށް 229 ވޯޓު ލިބިވަޑައިގަތެވެ. އެހެންވެ މި ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ޕީޕީއެމަށެވެ.