ވަޒީރަކު ބަދަލު ކުރާކަށް ލާހިކެއް ނޫން: މައުރޫފް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެއްވެސް ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީއޭގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މައުރޫފް ފާހަގަކުރެއްވި ގޮތުގައި، މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ކުރި ކެމްޕެއިންގައި، ކައުންސިލްތަކުގެ މެޖޯރިޓީ އެ ޕާޓީ އަށް ލިބިއްޖެނަމަ، ސަރުކާރު ބަދަލު ކުރާނެ ކަމަށް ބުނަމުން އެވެ. ނަމަވެސް މި ސަރުކާރު ނުވެއްޓޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"މި ސަރުކާރެއް ބަދަލެއް ވެސް ނުކުރެވޭނެ. ސަރުކާރުގައި ހުރި އެއްވެސް ވަޒީރެއް ވެސް ލާހިކެއް ނޫން ބަދަލު ކުރާކަށް،" ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މައުރޫފް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން އެމްޑީއޭ ހަރުގޭގައި ރޭ ބޭއްވި ޖަލްސާ .---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ މިހެން ވިދާޅުވިއިރު، އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިމްޕީޗްމެންޓް ވޯޓަކުން އެކަނި ކަމަށާއި ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓު [ވޯޓް އޮފް ނޯ ކޮންފިޑެންސް] އަކުން ވަޒީރުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މައުރޫފް ރޭ ވިދާޅުވި ގޮތުގައި ޕީޕީއެމާއި އެމްޑީއޭ އަދި ޑީއާރުޕީ ކޯލިޝަނުން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށެވެ.

މައުރޫފް ވިދާޅުވީ ތައުލީމީ ދާއިރާ "ހަލާކުވެފައި" އޮއްވައި ރައީސް ޔާމީން ގެންނެވި ބަދަލުތައް ދުނިޔެ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ތައުލީމީ ނިޒާމަށް އައީ އެންމެ އެކަށޭނަ ބަދަލެއް ކަން ދިވެހިން ވެސް ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްކޫލްތަކުގެ އާބާތުރަ ފިލުވައި، އިތުރު ބޮޑެތި އިންވެސްޓްމަންޓްތައް އެތަނަށް ދީ، މަލްޓި ޕާޕަސް ހޯލާއި ކްލާސްރޫމްތައް އެތައް ރަށެއްގައި އަޅައި މުޅި ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ރައީސް ވަނީ ގެނެސް ދެއްވާފައި،" ޕްރީ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދިން ކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވި އެވެ.

މީގެ އިތުރުން ޓީޗަރުންނަކީ ގާބިލް ބަޔަކަށް ހެދުމަށް ތަމްރީން ދީ، ޓީޗަރުންނަށް އެތައް ގިނަ ކުރިއެރުންތަކެއް ސަރުކާރުން ހޯދައި ދިން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ތައުލީމީ ދާއިރާގައި ކުރިއެރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި މުޅި ތައުލީމީ ނިޒާމު ފުނޑާލީ ގާބިލް ބޭފުޅުން އެ ދާއިރާއަށް އައްޔަން ނުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މައުރޫފް ވިދާޅުވި ގޮތުގައި 200 މީހުން އުޅޭ ރަށެއްގައި ތައުލީމީ ނިޒާމު ވެސް ވަނީ "ދޮންވެ ފައްކާވެފަ" އެވެ.