ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެ އަށް އައި ކޮޅިގަނޑުގައި، އާންމުކޮށް ކުރިމަތިނުވާ ވަރުގެ ބާރު މިނުގައި މާލެ އަށް ވައި ޖެހިއްޖެ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު ނުވައެއް ޖަހާކަން ހާއިރު މާލެއަށް އައި ކޮޅިގަނޑުގައި ވައިގެ ބާރު މިން ހުރީ ގަޑިއަކު 55 މޭލުގަ އެވެ. މިއީ މިހާރު ކުރާ ވިއްސާރައިގައި މާލެ އަށް އެންމެ ބާރަށް ވައި ޖެހުނު ފަހަރު ކަމަށް މެޓް އޮފީހުން ބުންޏެވެ.
"ރޭ ފަތިހު ވެސް މާލެ އަށް ވަރަށް ބޮޑަށް ވައި ގަދަވި. ފަތިހު ތިނެއް ޖަހާކަން ހާއިރު 51 މޭލަށް ވައި ޖެހުނު،" މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާލޭގެ ބައެއް މަގުތަކުގައި އިންދާފައި ހުރި ގަސްގަހުގެ ގޮފިތައް، މިއަދުގެ ކޮޅިގަނޑުގައި ބިނދި، ބިމަށް ފޭބި އެވެ. އަދި ވާރޭ ވެހުނުލެއް ބޯކަމުން ބައެއް މަގުތަކުގައި ފެން ވެސް ބޮޑުވި އެވެ.
ވިއްސާރައިގައި ދޭތެރެ ދޭތެރެއިން ބާރު ކޮޅިގަނޑުތައް ލައްވާލިޔަސް، މެޓުގެ ހިސާބުތަކުން އެނގޭ ގޮތުގައި، 1978 ގައި ގަޑިއަކު 71 މޭލުގެ ބާރު މިނުގައި ވައި ޖެހުނު ވަރުގެ ކޮޅިގަނޑެއް އޭގެ ފަހުން މާލެ އަށް ކުރިމައްޗެއް ނުވެ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައި މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮޅިގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި 15 މޭލާއި 25 މޭލަށް ވައި ޖެހޭނެ ކަމަށް މެޓުން ބުނެ އެވެ.
މެޓުން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑު ވެސް ގަދަވާނެ އެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދޭން މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވިއްސާރައާ ގުޅިގެން މެޓުން ނެރެފައިވާ ޔެލޯ އެލާޓް އަދިވެސް ކެންސަލެއް ނުކުރެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްރަށުގެ ގެތަކުގެ ފުރާޅު އެއްލާލައި ގޭގެއަށް ވަނީ ފެން ބޮޑުވެފަ އެވެ.