ރެކޯޑް މިންވަރަކަށް ހޫނު ދުވަސްތަކެއް ދިއުމަށް ފަހު ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް ވެސް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހުނު ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައިފި އެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި، މިދިޔަ 24 ގަޑިއިރު ވެހުނު ވާރޭގެ ރެކޯޑުގައިވާ ގޮތުގައި؛
• މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހުނު.
• ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހުނު.
• ގެމަނަފުއްޓަށް 100.8 މިލިމީޓަރުގެ ވާރޭ ވެހުނު.
ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުތަކުން ދައްކަނީ ފުވައްމުލަކަށެވެ. އެ ރަށަށް 86 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
އއ. ތޮއްޑު އަށް 81 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ކ. ދިއްފުއްޓަށް 54.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ސ. ގަމަށް 52.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކަ އެވެ.
ހުޅުމާލެ އަށް އިއްޔެ ވެހުނީ 47.5 މިލިމީޓަރުގެ ވާރޭ އެވެ.
އިއްޔެ ކުރި ވިއްސާރާގައި މާލޭގެ 122 ތަނަކަށް ގެއްލުން ވެފައިވެ އެވެ. އަދި ށ. ފީވަކުގެ 20 ގެއަކަށާއި ފޯކައިދޫގެ ތިން ގެއަކަށާއި ތ. ވަންދޫގެ ގެއަކަށް ވެސް ފެން ވަދެ، ގެއްލުން ވެފައިވެ އެވެ.