ފުލުހުން މީހަކު ހައްޔަރުކޮށް ގެންދަނީ: ރޯދަމަހު އާއްމުކޮށް ވައްކަމާއި ފޭރުންތައް އިތުރުވޭ
08 ޖޫން 2017 - 12:29
މާލޭގެ ގެސްޓް ހައުސް އަކަށް ރޭ މެންދަމު ބަޔަކު ވަދެ، އެ ތަނުގެ ދެ ކޮޓަރިއެއްގައި އުޅުނު ދެ މީހަކަށް ކަޓަރުން ބިރު ދެއްކުމަށް ފަހު ބައެއް ތަކެތި ފޭރިގަނެފި އެވެ.
މާފަންނުގައި ހުންނަ މި ގެސްޓް ހައުސް އަށް ވަގުން ވަދެފައިވަނީ ރޭ މެންދަމުން އަލިވެ 3:30 ހާއިރު އެވެ. ބޮލުގައި ވިގު އަޅައިގެން، ކާކުކަން ނޭނގޭ ގޮތަށް ތިބި ދެ ޒުވާނަކު އެތަނަށް ވަނީ ގެސްޓް ހައުސްގެ އެހެން ކޮޓަރިއެއްގައި އުޅޭ އުޅޭ ފިރިހެނަކު ހާރުކާން ދިއުމަށްޓަކައި ބޭރަށް ނުކުތުމަށް ގޭގެ ބޭރު ދޮރު ހުޅުވި ވަގުތު އެވެ.
ކަޓަރުން ބިރު ދެއްކި ދެ މީހުންގެ ތެރެއިން އެކަކީ އަންހެނެކެވެ.
"މިހާރު" އާ ވާހަކަ ދައްކަމުން އެ އަންހެންމީހާ ބުނިގޮތުގައި ގެސްޓް ހައުސްގެ އެހެން ކޮޓަރިއެއްގައި އުޅޭ ޒުވާން ފިރިހެނަކު ގެ އިން ނުކުންނަން އުޅެނިކޮށް، ވަގުން އޭނާ ހިފަހައްޓައި އަނބުރާ ގޭތެރެއަށް ވެއްދީ އެވެ. އޭރު އެ ގެސްޓް ހައުސްގައި އަލިކަމެއް ހުރީ އަންހެންމީހާ ދިރިއުޅުނު ކޮޓަރީގައި އެކަންޏެވެ.
"އަހަރެންގެ ކޮޓަރި ހުރީ ދިއްލާފައި. އެހެންވެ، އެ މީހުން ކޮޓަރީގެ ދޮރުގައި ތަޅައިގަނެފައި ވަރަށް ހުތުރު ބަހުން ބުނީ ދޮރު ހުޅުވަން. އެހެން ނޫނީ ވަދެފައި މަރާލާނެ ކަމަށް އެންގީ،" ގެސްޓް ހައުސްގައި އެކަނި ދިރިއުޅެމުން އަންނަ އަންހެންމީހާ ބުންޏެވެ.
ކޮޓަރި ދޮރު ހުޅުވުމުން އޭގެ ތެރެއިން އެކަކު އަންހެންމީހާ ކޮޓަރިން ނެރެ، ސިޓިން ރޫމް ތެރެއަށް ކޮއްޕާލައި ވައްޓައިލި އެވެ. އޭރު އަނެއް މީހާ ހުރީ، ގެސްޓް ހައުސްގެ އެހެން ކޮޓަރިއެއްގައި ދެން އުޅޭ ފިރިހެންމީހާގެ ކަރުގައި ކަޓަރު ޖައްސައިގެންނެވެ.
"އެ މީހުން އެދުނީ އަޅުގަނޑުގެ އަތުގައި ހުރި ހުރިހާ އެއްޗެއް ދޭން. ފިރިހެން ކުއްޖާ ދެކޮޅު ހެދުމުން އެ މީހުން ބުނީ ތިމަންނަމެންގެ އަތުގައި އޮތް އެއްޗެއް ނުފެނޭހޭ، ހަމަ މަރަޔޭ ލާނީ. އޭރު ކަޓަރުގެ ތިލަ ހުރީ ކަރުގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި،" އަންހެންމީހާ ކިޔައިދިނެވެ.
"ދެން އެ ފިރެހެން ކުއްޖާ ކައިރީ އަޅުގަނޑު ބުނިން މަރުވާން ބޭނުން ނުވަންޏާ އެއްޗެހި ދޭށޭ. އޭރު އެ ކުއްޖާއަށް ހަމަ ރޮވެނީ،"
ވަގުން ދިޔައީ ފިރިހެން މީހާގެ ފޯނާއި ވޮލެޓު އަދި އަންހެންމީހާގެ ފޯނާއި ލެޕްޓޮޕް ވެސް ހިފައިގެންނެވެ. އެ ދެ މީހުން ވެސް ގެންގުޅެނީ ސެމްސަންގެ އެންމެ ފަހުގެ ބްރޭންޑުގެ ފޯނެވެ.
ވަގުން ގެސްޓް ހައުސް އިން ނުކުތީ އެ ދެ ޒުވާނުން ފުރަގަހަށް ވާގޮތަށް ބެހެއްޓުމަށް ފަހު، އެނބުރިއްޖެއްޔާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެކަމަކު އެ މީހުން ދިޔަކަން ޔަގީން ވުމުން، އަންހެންމީހާގެ އާއިލާގެ ގެއަކަށް ގޮސް ފުލުހުންނަށް އެކަން ރިޕޯޓު ކުރި އެވެ.
އޭނާ ބުނީ ފުލުހުންނަށް ބަޔާން ދިނުމުން، މީހެއްގެ ފޮޓޯ ދެއްކި ކަމަށާއި އެއީ މި ރޯދަމަހު ގެއަކުން ފޭރެން އުޅެނިކޮށް ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުން ބުނާ ކަމަށެވެ. ނަމަވެސް ކަޓަރަކާ އެކީ ހައްޔަރު ކުރި އެ މީހާ މީގެ ދެ ރޭ ކުރިން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަޅުގަނޑުމެން އަތުން ފޭރުނު ދެމީހުންގެ ތެރެއިން އެކަކާ، ފޮޓޯގައި ހުރި މީހާއާ ވަރަށް ވައްތަރު. އެކަމަކު އެއީ ސީދާ އެ މީހާއެކޭ ބުނާކަށް ނޭނގޭ. އަޅުގަނޑު ފުލުހުން ގާތުގައި އެހިން ކީއްވެތޯ އެ މީހާ ދޫކޮށްލީ އަދި އެއީ ހަމަ އެ މީހާ އަށް ވެދާނެ ނޫންހޭ ވެސް،" އަންހެންމީހާ ބުންޏެވެ.
ފޭރިގަތް ގެސްޓް ހައުސްގައި ކެމެރާ ނެތް ނަމަވެސް ކައިރީގައި ހުރި އެހެން އިމާރާތެއްގެ ކެމެރާތަކުން އެ މީހުން ރީތިކޮށް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
ގެސްޓް ހައުސް އަކަށް ވަދެ، ތޫނު އެއްޗަކުން ބަޔަކަށް ބިރު ދައްކައި ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނު
09 June 2017
ފުލުސް ނުކުމެ ވަގު ހޯދާ
ާހާސަރު
08 June 2017
ކަޓަރާއި އެކުއަތުލެވޭ ޕާޓޭން ދޫކޮއްފަ ފުލުހުން ބަލަނީ އިންޓެލް ރިޕޯޓެއްހަދައިގެން ކޮންމެވެސް ސިޔާސީ މީހަކު ހައްޔަރު ކުރެވޭތޯ! މިއަދުވެސް އެހައްޔަރު ކުރީ އާޒިމް! ކީކޭދެން ބުނާނީ؟
ޓޮމާޓޯ ސޯސް
08 June 2017
ދިވެހިރާއްޖެ ކަހަލަ ރިސޯސްމަދު ގައުމެއްގާ މިކަހަލަ ކަންކަންވާނެ ދެއްތޯ ހާލާ؟
ޕޮލިސް މީހާ
08 June 2017
ތިނިމުނީތިކަން
އުދުހޭ
08 June 2017
ހެކި ނައްތާލަފާނެތީ އާޒިމް ހައްޔަރުކުރިއިރު މީހަކު މަރާލަފާނެތީ މުޖުރިމުން ހައްޔަރެއް ނުކުރޭ! މިއީ އިންސާފުތަ؟ ގާނޫނު ހަދަންތިބޭ މީހުން ނުވަތަ ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން މިކަންކަމުގައި ޒިންމާވާންޖެހޭ! މިއީ ބައެއްގެ އިހުމާލު އޮތް ކަމެއް!
އަލިފުތު
08 June 2017
ރައްޔިތުންގެ ލާބަޔަށް މުޖުތަމައުގެ ހަމަޖެހުން ހިފަހައްޓަން ރައްޔިތުން އަތުން މިހޭދަވާ ފައިސާދީގެން ކޮންމެވެސް އެހެންބަޔަކު މަތިކުރަން އެބަޖެހޭ. ކަންކުރަން ޖެހޭމީހުން މިތިބެނީ ސިޔާސީމީހުން ފަހަތުން ބިސްމަޅިދުއްވުމުގައި މުގޯލިއެޅުމުގައި އަވަދިނެތި ތައައްޔަރުވެފައި.
ހހހ
08 June 2017
ގޭގައި އޮތްނަމަ ކަޓަރު އަޅާނެ. ސިޑިދަށުގައި ހުރިނަމަ ކަތިލާލާނެ. މަގުމައްޗަށް ނިކުމެއްޖެނަމަ ހައްޔަރު ކުރާނެ ނޫނީ ވަޅުޖަހާނެ. ޔާމީނު މިގައުމު ތިޔަ ހެދީ ކަށިކުބުރު ޖަންގައްޔަކަށް. މިޖަންގަލިން އަހަރެމެން ނިކުމެވެންދެން ދުލެއް ނުކުރާނަން.
ތަރައްގުއި
08 June 2017
ފުލުހުން ކުށްވެރިކުރާކަށް ނުފެނޭ. އެމީހުނަށް ވެގެންވިއްޔާ އެމީހަކު ކުރިންވެސް ހައްޔަރު ކުރެވުނީ. ދެން ކުޅޭކުޅޭއަކަށް ދޫކޮށެއްނުލާނެ، އަނެއްކާ ހިފާކަށް. ޓޮމް އެންޑް ޖެރީ އެއްނޫނިއްޔާ. ދޫކޮށްލި ވާހަކަ ބުނި ފުލުހަށް ކަންނޭނގެ މިހާރު ޚަބަރު އޮތްގޮތުން ހުރިހާ "ހިތާމައެއް" ލިބޭނީ. އެމީހުންނަށް ދޫކޮށްލަން މަޖުބޫރު ކުރުވި މީހާ ފިލާ ބޮނދާ އެނދު ތަންދޮށުގަ ނޫނީ ދޮންނަ މެޝިނުތެރޭ އޮވެފަ
ސަލުމާނު ބޮންދު. ހާބަރު ކަޑަ
08 June 2017
މިތިބި ބަޔެއްދޯ، ވާއަތުން ކަނާއަތް ހައްޔަރު ކުރެވޭނޭތަ؟؟
ކޮސް
08 June 2017
ބަޖެޓުން މިހާރު ކުރާވަރުގެ ހޭދައެއް ކުރަން އެކަޝީގެންވާ ބަޔެއްނޫޫން ފުލުހުންނަކީ... ތި ފައިސާ ދޭންވީ ގެދޮރުގެ ސަލާމަތީ ކަންކަން ރަގަޅުކުރުމަށް..