ދިވެހި ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލު ކުރަން ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމްގެ ބަންދަށް ހަ ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި އާޒިމްގެ ބަންދަށް ހަ ދުވަސް ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
ފުލުހުން އާޒިމް ހައްޔަރުކުރީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ ގޭގައި އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވަނީ، ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، އިތުބާރު ގެއްލުވައިލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް އާޒިމް ވާހަކަ ދައްކަވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ އަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ވެސް ފެންނާތީ ކަމަށެވެ.
އާޒިމް ހައްޔަރުކުރިއިރު، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާގެ ބޭބެ ނާޒިމް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މި ރޯދަމަހަށް ނާޒިމް ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.