އޭނާގެ މައްޗަށް ވެސް ފުލުހުން ތުހުމަތު ކުރަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތު ކަމަށް ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ސައުދު ފުލުސް އޮފީހަށް ހާޒިރުކޮށް މިރޭ ބަޔާން ނަގާފައިވާއިރު، އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ، އިބްރާހިމް ހަނީފަށް ވެސް ފުލުހުން ވަނީ ހަމަ އެ ތުހުމަތުކޮށް، މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފަ އެވެ. ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ޝަރުތުތަކަކާ އެކު މިދިޔަ މޭ 30 ގައި ހައި ކޯޓުން ވަނީ މިނިވަންކޮށްފަ އެވެ.
ސައުދު "މިހާރު" އަށް ވިދާޅުވީ އޭނާގެ މައްޗަށް ވެސް ފުލުހުން ކުރަނީ ހަނީފަށް ކުރި ތުހުމަތު ކަމަށެވެ. އެކަމަކު އިތުރު އެހެން ތުހުމަތެއް ސައުދުގެ މައްޗަށް ފުލުހުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ފަނޑިޔާރަކު [ޝުޖާއު] ދިގު މުއްދަތަކަށް ޖަލަށް ލުމަށް މަސައްކަތް ކުރުމުގެ ތުހުމަތު. އަޅުގަނޑަކަށް ވެސް ނޭނގޭ އެކަން އަޅުގަނޑު ކުރާނެ ގޮތެއް،" މިހާރު އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވާ ސައުދު ވިދާޅުވި އެވެ.
"އަޅުގަނޑު އެ ހުރިހާ ތުހުމަތަށް ވެސް އިންކާރުކޮށް ފުލުހުންނަށް ބަޔާން ދިނިން. ފުލުހުން ކަންތައް ކުރީ ވަރަށް ރަނގަޅަށް. އެ އޮންނަ އިޖުރާއަތުގެ ތެރެއިން އަމަލުކުރީ."
ސައުދު ފުލުސް އޮފީހަށް ހާޒިރުކުރީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގަށެވެ. މި ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މިހާތަނަކަށް ވަކި އެއްޗެއް ނުބުނެ އެވެ.
ސައުދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން މިދިޔަ އޭޕްރީލްމަހު ވަކިކޮށްފައިވާ ބޭފުކެވެ. އޭގެ ފަހުން އޭނާ އެރުއްވީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކުގައި ވެސް އޭނާ ވަނީ ފަހުން ބައިވެރިވެވަޑައިގެންފަ އެވެ.