ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އޮތީ "ލާދީނީ ފިކުރުގެ މަދު ބަޔަކު" ހިސޯރުކޮށްފައި ކަމަށާއި އެކަމުގައި އިސްކޮށް ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަށް އަބަދު ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ، މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފޭސްބުކްގައި އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ހިސޯރުކޮށްފައިވާ އެމްޑީޕީ ސަލާމަތް ކުރެވޭތޯ އެ ޕާޓީގެ އިންތިޚާބީ ތިން ރައީސަކު ކުރިން މަސައްކަތް ކުރެއްވި އެވެ.

އެއީ އިބްރާހީމް އިސްމާއީލް (އިބްރާ) އާއި ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.

މިދިޔަ ރޯދަމަހުގެ 27 ވިލޭރެއާ ދިމާކޮށް މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި އިހްޔާ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ، އުމަރު ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މިދިޔަ ރޯދަމަހުގެ 27 ވިލޭރެއާ ދިމާކޮށް މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި އިހްޔާ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ، އުމަރު ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އުމަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނެކަން އިއުލާން ކުރެއްވުމާއެކު، އެ ޕާޓީއަށް ޓަކައި އެންމެ ބޮޑަށް ގުރުބާންވި ރީކޯ މޫސާ މަނިކާއި ޕާޓީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވެސް ވަނީ އެމްޑީޕީން ވަކިކޮށްފަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ އެމްޑީޕީ ތެރޭގައި ވަނީ ޑިމޮކްރަސީގެ ހަމަތައް ފުނޑުފުނޑުކޮށްލާފައި ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ލަންކާގައި: މިހާރު ގިނައިން އުޅުއްވަނީ ލަންކާގައި.
ކުރީގެ ރައީސް ނަޝީދު ލަންކާގައި: މިހާރު ގިނައިން އުޅުއްވަނީ ލަންކާގައި.

އޭނާ ވިދާޅުވީ އެމްޑީޕީ އެތެރޭގައި އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ "ޕާޓީ ހިސޯރުކޮށްގެން އުޅޭ ލާދީނީ ޓީމް ބަލިވެދާނެ" ކަމަށެވެ.

"...[އެކަމަކު] އެފަދަ އިންތިޚާބެއް ނުބާއްވައި އެމްޑީޕީ ހިސޯރުކޮށްގެން އޮވެ އެ ދަނީ ކުރިއަށެވެ،" އުމަރު ވިދާޅުވި އެވެ.

ނަޝީދު އިސް ހުންނަވައިގެން އެމްޑީޕީ ހިސޯރުކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއިރު، އޭނާ ފާހަގަކުރެވެނީ އެންމެ ކުރިއްސުރެ ފެށިގެން ވެސް ނަޝީދު އަދި އެ ޕާޓީގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްގެ ގޮތުގަ އެވެ. އަދި މިހާރު ވެރިކަންކުރާ ޕީޕީއެމާ އެކު ކުރިން ތިއްބެވި ސިޔާސީ ލީޑަރު ސަރުކާރާ ދެކޮޅަށް ތެދުވެ އެމްޑީޕީ އަށް ބައިއަތު ހިފިއިރު ވެސް އޭގެ ތެރޭގައި އުމަރު ނުހިމެނެ އެވެ.

މިދިޔަ ފެބްރުއަރީމަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވެފައި ވަނީ ނަޝީދުއާ ދެމެދު ޒާތީ އެއްވެސް ކަމެއް ނެތް ކަމަށާއި މައްސަލަ އަކީ އެމަނިކުފާނުގެ އަމަލު ކަމަށެވެ. މި އިންޓަވިއުގައި އުމަރު ވިދާޅުވެފައި ވަނީ ނަޝީދުގެ ފަހަތަށް އޭނާ ނާރުއްވާނެ ކަމަށެވެ.

"އެކަމަކު އެމްޑީޕީ އެހެން މީހެއްގެ ލީޑަޝިޕަށް އަންނަ ދުވަހެއްގައި އެ މީހެއްގެ ކެޕޭސިޓީ ބަލަން ޖެހޭނީ،" އުމަރު ވިދާޅުވެފައިވެ އެވެ.